މޯލްޑިވްސް އެކްސްޕޯ 2025 ގައި އެ ކުންފުނިން ގާއިމުކުރި ސްޓޯލަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ޒިޔާރަތްކުރެއްވުމަކީ އެ ކުންފުންޏަށް ލިބުނު ޚާއްސަ ޝަރަފެއް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރައީސްގެ މި ޒިޔާރަތުގައި އެ ކުންފުނީގެ ސްޓޯލާ ގުޅޭ މަޢުލޫމާތު ހޯއްދަވައި، ކުންފުނީގެ މުވައްޒަފުންނާއެކު ވަގުތުކޮޅެއް ހޭދަކުރެއްވިކަމަށްޓަކައި އެމަނިކުފާނަށާއި އަނބިކަނބަލުންނަށް ޚާއްޞަ ޝުކުރެއް އަދާކުރާ ކަމަށެވެ.
މޯލްޑިވްސް އެކްސްޕޯ 2025 ގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާ (އެސްއޯއީ ކެޓަގަރީ) އިން އެއްވަނަ ހާސިލްކުރީ ސްޓެލްކޯއިންނެވެ.

ރައީސް މުއިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މޯލްޑިވްސް އެކްސްޕޯ 2025 ކުރިއަށް ގެންދަނީ މިއަދުން ފެށިގެން މި މަހުގެ 31 ގެ ނިޔަލަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މި އެކްސްޕޯ އިންތިޒާމްކޮށް ހިންގުމުގެ މަސައްކަތް ކުރިއަށްދަނީ އިކޮނޮމިކް މިނިސްޓްރީއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.
މި އެކްސްޕޯގައި އަމިއްލަ ފަރުދުންނާއި، ކުންފުނިތަކާއި ވިޔަފާރިތަކުގެ އިތުރުން، ރަށްތަކާއި ސިޓީތަކާއި، ތައުލީމީ މަރުކަޒުތަކާއި އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.



