މިއަހަރު ރާއްޖެއިން ހައްޖަށް ފުރާ ހައްޖާޖީންނަށް ފަސޭހަވާނެ ގޮތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފިއެވެ.
މިކަމާއި ގުޅިގެން އެމްއޭސީއެލްގެ މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، މިއަހަރު ޖުމްލަ 1,000 ހައްޖާޖީން ސަޢޫދީ އެއާލައިންސް އަދި މޯލްޑިވިއަން އެއާލައިންސްގެ ހަތަރު ފްލައިޓުގައި ފުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުތައް ކުރިއަށްދާނީ މި މަހުގެ 26، 27، 29 އަދި 30 ވަނަ ދުވަހުއެވެ.
އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގައި ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް ހުރިހާ ވެހިކަލްތަކެއްގެ ޑްރޮޕް-އޮފް ހުންނާނެކަމަށް އެމްއޭސީއެލްއިން މަޢުލޫމާތު ދީފައިވެއެވެ.
އަދި ނަސަންދުރައިން ހައްޖާޖީންނަށް ހެނދުނު 10:00 އިން 11:30 އަށް ހިލޭ ފެރީ ޚިދުމަތް ފޯރުކޮށްދޭނެއެވެ.
އެއާޕޯޓުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި އާންމު ރައްޔިތުންނަށް ޓެކްސީ ނުވަތަ ފެރީ ބޭނުންކުރުމަށް އެމްއޭސީއެލްއިން އިލްތިމާސްކޮށްފައިވެއެވެ. އަދި އެހެން ފަސިންޖަރުންނަށް ލަސްވުން ކުޑަކުރުމަށް ޗެކްއިން އަވަހަށް ކުރުމަށް އެދިފައިވެއެވެ.
މީގެއިތުރުން، ހައްޖާޖީންގެ އާއިލާތަކަށް ޚާއްސަކޮށް މަޑުކޮށްލައިގެން ތިބުމައް ސަރަޙައްދުތަކެއްވެސް ހަމަޖައްސާފައިވާކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެމްއޭސީއެލްގެ މުވައްޒަފުން ހައްޖާޖީންނަށް ޓާމިނަލްތަކުގެ ދެމެދު އަދި ޗެކްއިން ޕްރޮސެސްގައި އެހީތެރިވެދޭނެކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް އެމްއޭސީއެލްގެ މީޑިއާ އެންޑް ޕީއާރު ހޮޓްލައިން 7409559 އަށް ގުޅުމަށް އެ ބަޔާނުގައި އަންގާފައިވެއެވެ.



