މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކުރެވޭ ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައިގައި 15 ދުވަހުގެ ތެރޭގައި ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ރައުދު މިހާރު ހުރީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފަސް ދުވަހުގެ ބަންދުގައެވެ. އޭނާގެ ބަންދުގެ މުއްދަތު މިހާތަނަށް ހަ ފަހަރު އިތުރުކޮށްފައިވާއިރު، އެންމެ ފަހުން ދީފައިވަނީ 20 ދުވަހުގެ މުއްދަތެކެވެ.
އޭނާ ކުރިން ބަންދުން ދޫކޮށްލާފައިވަނީ ޕީޖީ އޮފީހުގެ އިޖުރާއީ ލަފާގެ މަތިންނެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި ޔުމްނު ވެއްޓުނީ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ. ފުލުހުން ރައުދުގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މި ހާދިސާގައި އޭނާގެ ބައިވެރިވުން އޮތް ކަމަށާއި، އެވަގުތު މަސްތުވެފައި ހުރި ކަމަށާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމަށެވެ.
ރައުދުއަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާއެކު އުޅުނު މީހާއެވެ. އެރޭ ދަންވަރު އެ ދެމީހުން މއ. މާންދޫގެ ދެކުނުގެއަށާއި ހ. ކަށިވެއްޔަށް ގޮސް، އޭގެފަހުން ހ. ފެންޓެނޯއީގެއަށް ގޮސްފައިވެއެވެ.



