ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކޮވިޑް-19 އަދި އިންފުލުއެންޒާ އަށް ޕޮޒިޓިވްވާ މީހުން އިތުރު ވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ، އަރިދަފުސްރޯގާ ޖެހިގެން ރިޕޯޓް ކުރާ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ގިނައީ ކޮވިޑް-19 އަދި އިންފުލުއެންޒާ އަށް ޕޮޒިޓިވްވާ މީހުން ކަމަށެވެ.
އެޗްޕީއޭ އިން މިއަދު އާންމުކުރި މިދިޔަ ހަ މަސް ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރާ އަޅާބަލާއިރު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރާ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
މިގޮތުން މިދިޔަ އަހަރުގެ އޭޕްރީލް ހަޔަކުން މޭ 17 ގެ ނިޔަލަށް ރިޕޯޓު ކޮށްފައިވާ 675 ކޭސްއާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ރިޕޯޓްކޮށްފައިވަނީ އެންމެ 86 ކޭސްއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އޭޕްރިލް 6 އިން މެއި 17 އަށް އަރިދަފުސް ރޯގާގެ 43،882 ކޭސް ރިޕޯޓްކޮށްފައިވާއިރު، އިންފުލުއެންޒާގެ 254 ކޭސްއާއި ކޮވިޑް-19 ގެ 37 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
އަދި ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކޮށްފައި ވަނީ ރ. ކ. އަދި އއ. އަތޮޅުންނެވެ.
އެޗްޕީއޭއިން ބުނީ، މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު އިތުރުވަމުންދާއިރު، ކޮވިޑާއި އިންފްލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުން ކަމަށެވެ.
މި ހާލަތާއި ގުޅިގެން، މިފަދަ ރޯގާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.




