މާލޭގައި އިތުރު ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ވިދާޅުވީ ހޮސްޕިޓަލްތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ބޮޑު ކަމަށާއި، އިތުރު ޖާގައާއި އައު ސްޕެޝަލިޓީތައް ތަޢާރަފުކުރުމަށް ބޭނުންވާ ކަމަށެވެ.
އަދި ހޮސްޕިޓަލްތަކާއި، ޖާގަ އިތުރުކުރުމަށް ސަރުކާރުން ގިނަ ޕްލޭންތަކެއް ރާވާފައިވާކަމަށް ސީއީއޯ ވިދާޅުވިއެވެ.
މިގޮތުން އައިޖީއެމްއެޗް ސަރަހައްދުގައި ދަރުމަވަންތަ ހޮސްޕިޓަލާއި އިންވެގެން ހޮސްޕިޓަލް އިމާރާތެއް ގާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށަން ހެލްތު މިނިސްޓްރީން ވަރަށް ބާރު ސްޕީޑުގައި ކުރަމުންދާ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުގެ ގޯތިތެރޭގައި 250 އެނދުގެ އައު އިމާރާތެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިހާރު އެ މަޝްރޫޢުގެ ޕްލޭންތައް ތައްޔާރުކުރެވެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ވިލިމާލޭގައި ވެސް ސަރުކާރުން ވަނީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ގާއިމުކުރުމަށް ނިންމާފައި ކަމަށާއި، މިއަހަރު ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެކަމަށް ހަލީމް ފާހަގަކުރެއްވިއެވެ.
ސީއީއޯ ހަލީމް ވިދާޅުވީ، ހޮސްޕިޓަލްތަކުގެ ޖާގައިގެ ދަތިކަން ހުރި ނަމަވެސް، ކުރެވުނު މިންވަރަކުން ޚިދުމަތްތައް އިތުރުކުރަމުން ގެންދާނެ ކަމަށެވެ.
އައިޖީއެމްއެޗް ގައި ޤާއިމުކޮށްފައިވާ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވަނީ ހުޅުވައި ދެއްވައިފައެވެ.
އެމަނިކުފާނު މިއަދު ހުޅުވައިދެއްވި 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް ގައި ޖެނެރަލް ސަރޖަރީތަކާއި، ނިއުރޯ ސަރޖަރީތަކާއި ޕްލާސްޓިކް ސަރޖަރީތަކާއި، އޯތޯ ސަރޖަރީތަކާއި ޔޫރޮލޮޖީގެ ސަރޖަރީތައް ކުރާ ބަލިމީހުން އެޑްމިޓް ކުރެވޭނެއެވެ.
މި ވިންގާ އެކު އައިޖީއެމްއެޗްގެ އެނދުގެ ޖުމުލަ އަދަދު މިވަނީ 510 އަކަށް އިތުރުކުރެވިފައެވެ.




1 Comment
އިތުރު ހޮސްޕިޓެލްތަ އަދިވެސް ނޭޅިގެން މިއުޅެނީ! އަޅާފަ ހުރި ހޮސްޕިޓެލް ތަކުން ރަނގަޅު ޚިދުމަތެއް ދެވޭތޯ ވިސްނަބަލަ ކަމެއް ކުރަންޏާ😡