ބޮލީވުޑްގެ މަޝްހޫރު ތަރި އިމްރާން ހާޝްމީއަށް ޑެންގޫ ޖެހިއްޖެއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި އޭނާއަށް ޑެންގޫ ޖެހުނީ ފުރަތަމަ ފަހަރަށް ކުޅެން ހަމަޖެހިފައިވާ ތެލެގޫ ފިލްމު ”އޯޖީ“ ގެ މަސައްކަތުގެ ތެރޭގައި އެޅެނިކޮށެވެ.
އޭގެ ސަބަބުން އިމްރާނަށް ވަގުތީގޮތުން ފިލްމުގެ މަސައްކަތްތަކާއި ވަނީ ދުރުވާން ޖެހިފައެވެ.
ޑޮކްޓަރުންގެ ލަފާގެ މަތިން އިމްރާނަށް މަދުވެގެން އެއް ހަފުތާއަށް އަރާމުކުރަން ޖެހޭނެ ކަމަށް ވަނީ އަންގާފައެވެ. މިހާރު އޭނާ ވަނީ ފަރުވާ ހޯދަން ފަށާފައެވެ.
”އިމްރާނަކީ ވަރަށް ޕްރޮފެޝަނަލް އެކްޓަރެއް. އޭނާގެ ސިއްހީ ހާލަތަށް ބަލާއިރު މިވަގުތު އަރާމުކުރުމަކީ ވަރަށް މުހިންމު ކަމެއް،“ ”އޯޖީ“ ގެ ޕްރޮޑަކްޝަން ޓީމުން ބުންޏެވެ.
ޕަވަން ކަލިއަން ލީޑް ރޯލު އަދާކުރާ ”އޯޖީ“ އަކީ މި އަހަރުގެ ސެޕްޓެމްބަރު 25 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. މި ފިލްމުގައި އިމްރާން ފެންނާނީ ވިލަންއެއްގެ ދައުރުންނެވެ.
އިމްރާން ރަނގަޅުވުމާއެކު ވީ އެންމެ އަވަހަކަށް ފިލްމުގެ ޝޫޓިންގ އަލުން ފެށޭނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެފައިވެއެވެ.
46 އަހަރުގެ އިމްރާން ހާޝްމީއަކީ ”މާޑާ“، ”ޖަންނަތު“ އަދި ”ޒެހެރް“ ފަދަ ކާމިޔާބު ފިލްމުތަކުގައި ފެނިފައިވާ ތަރިއެކެވެ.
އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އެޕްރީލް މަހު ރިލީޒްކުރި ވަތަނީ އެކްޝަން ތްރިލަރ ”ގްރައުންޑް ޒީރޯ“ އެވެ.



