ސައުދީ އަރަބިއްޔާގެ މައްކާގައި ބާއްވާ ގުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ހުޅުވާލައިފިއެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ކުރި އިއުލާނެއްގައި ބުނި ގޮތުގައި 45 ވަނަ ކިންގް އަބްދުލް އަޒީޒް އިންޓަނޭޝަނަލް ކޮމްޕެޓިޝަން ފޮ ދަ މެމޮރައިޒޭޝަން، ރެސިޓޭޝަން އެންޑް އިންޓަޕްރިޓޭޝަން އޮފް ދަ ހޮލީ ގުރުއާން މުބާރާތުގައި ދެ ކެޓަގަރީއެއްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.
އެއީ މުޅި ގުރުއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ކެޓަގަރީއާއި، ވިދިވިދިގެން ގުރްއާނުގެ 15 ފޮތް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔަވަން ޖެހޭ ކެޓަގަރީއެވެ.
ކޮންމެ ކެޓަގަރީއަކުން އެއް ބައިވެރިއަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ ހިޖުރީ ގޮތުން އުމުރުން 25 އަހަރު ނުފުރޭ ފިރިހެނުންނަށެވެ. އަދި ރާއްޖޭގެ މަޝްހޫރު ގާރީއަކަށް ނުވުމާއި، މި މުބާރާތުގައި ކުރިން ބައިވެރިވެފައިވާ މީހަކަށް ނުވުން ޝަރުތުކުރެވިފައިވެއެވެ.
މުޅި ގުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ކެޓެގަރީގައި ބައިވެރިވެވޭނީ ގުރްއާން ހިފްޒުކޮށް ސަނަދު ހާސިލުކޮށްފައިވާ ފަރާތްތަކަށެވެ.
އަދި 15 ފޮތުގެ ކެޓަގަރީގައި ބައިވެރިވެވޭނީ ވިދިވިދިގެން ގުރްއާންގެ 15 ފޮތް ތަރުތީބުން ހިތުދަސްކޮށްފައިވާ ފަރާތްތަކަށެވެ. ދެ ކެޓަގަރީގައިވެސް ބައިވެރިވާ ފަރާތްތަކަކީ ރަނގަޅަށް ތަޖުވީދުގެ ހުކުމްތަކާ އެއްގޮތަށް ކިޔަވަން އެނގޭ ބައެއް ކަމުގައި ވާންޖެހެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ވުމަށް ގުރުއާނާ ބެހޭ މަރުކަޒުން ބުނެފައިވެއެވެ.



