ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4000 ފްލެޓްގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1000 ފްލެޓްގެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ނިމިފައިވާ ފްލެޓްތައް ލިބޭ ފަރާތްތަކާއި ހަވާލުކުރުމަށްޓަކައި އެގްރީމެންޓް ހެދުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށް ކަމަށެވެ.
އަދި އަމާޒަކީ ޖުލައި މަހުގެ ނިޔަލަށް އިތުރު 1000 ފްލެޓް ނިންމުމަށްފަހު، ސެޕްޓެމްބަރު މަހުގެ ނިޔަލަށް 4000 ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ 15 ނޮވެމްބަރު 2023 ގައި އޭރުގެ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ކޮށްފައިވާ އިއުލާނާއެކުވާ ލިސްޓުގައި ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކެވެ.
މިގޮތަށް ނިންމާފައިވުމުން ފައިނަލް ލިސްޓުގެ ގޮތުގައިވެސް އަދި އެހެން ލިސްޓެއްގެ ގޮތުގައިވެސް އިތުރު ލިސްޓެއް ނުނެރޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ބަދަލު ގެނައި ނަމަވެސް ކުރީގެ ލިސްޓަށް އަމަލު ކުރާނީ އޭސީސީން އަންގާފައިވާ އެންގުންތަކާއި އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްފައިކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ޝަރުތު ހަމަނުވާ ފަރާތްތައް ލިސްޓުން އުނި ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގައި 15 އަހަރު މެދުނުކެނޑި ދިރިއުޅުކަން ސާބިތު ކުރާ ގޮތަށްވެސް ބަދަލުގެނެސްފައިވާކަން މިނިސްޓަރު ހާމަ ކުރެއްވި އެވެ.
އެގޮތުން 15 އަހަރު ކުރިން މާލޭގައި ދިރިއުޅެން ފެށިކަން ރަސްމީ ލިޔެކިޔުމަކުން އެނގޭނަމަ އަދި 15 އަހަރުގެ މުއްދަތުގައި އެހެން ރަށަކަށް ދިރިއުޅުން ބަދަލު ކުރިކަން ޔަގީން ނުކުރެވޭނަމަ އެ މީހަކު ބަލާނީ އެއީ 15 އަހަރު މެދުނުކެނޑި މަލޭގައި ދިރިއުޅުނު މީހެއްގެ ގޮތުގައިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ނިންމުމާއެކު ވަރަށް ގިނަ ފަރާތްތަކަކަށް ފްލެޓް ލިބިގެންދާނެ ކަމަށާއި ލިސްޓުން އުނިވާނީ ވަރަށް މަދު ބައެއްކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.




