ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ’ގެދޮރުވެރިޔާ‘ ސްކީމުން ފްލެޓް ލިބޭނޭ ކަމަށް އިއުލާންކޮށްފައިވާ ދާއިމީ ލިސްޓަށް ފްލެޓް ދޭން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި، ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓްގެ ގޮތުގައި ބަލާނީ 2023 ވަނަ އަހަރުގެ ނޮވެންބަރު 15 ވަނަ ދުވަހު އޭރުގެ މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އިން ކޮށްފައިވާ އިއުލާނުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކެވެ.
”އެހެންވީމަ އަޅުގަނޑުމެން އިތުރު ލިސްޓެއް ފައިނަލް ލިސްޓެއްގެ ގޮތުގައި އަދި އެހެން ލިސްޓެއްގެ ގޮތުގައި ވެސް ނުނެރޭނަން. ނަމަވެސް، މި ލިސްޓަށް އަމަލުކުރުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލާގައި އަންގާފައިވާ އެންގުންތަކާއި އުސޫލުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކުރާނެ.“ މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.
މީގެއިތުރުން، 2007 ވަނަ އަހަރުގެ ކުރިން މާލޭގައި ދިރިއުޅެފައިވާކަން ލިޔެކިޔުންތަކުން އެނގޭ ފަރާތްތަކަކީ ފްލެޓަށް ޝަރުތުހަމަވާ ފަރާތްތަކެއްގެ ގޮތުގައި ބެލުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
މިގޮތަށް ނިންމުމުގައި ބަލާފައިވަނީ، ރަށް ދޫކޮށް މާލެއަށް ހިޖުރަކުރުމަށްފަހު އަނބުރާ ރަށަށް ދިރިއުޅުން ބަދަލުކުރުމަކީ ވަރަށް މަދުން މެނުވީ ހިނގާ ކަމެއް ނޫންކަމަށް ވާތީއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އަމާޒަކީ 4000 ފްލެޓް ސެޕްޓްމްބަރު މަހާއި ހަމައަށް ނިންމައި ލިބުނު ފަރާތްތަކާއި ހަވާލުކުރުން ކަމަށެވެ.




