ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަންޑާރަނައިބުގެ އޮފީހުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، 15 މޭ 2025 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
މިއާއެކު، ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު ވުޖޫދުވީއެވެ.
ރައީސް މި ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައު ޝާއިޢު ކުރައްވާފައެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ބިލު ތަޞްދީޤުކުރައްވައި، ގެޒެޓުގައި ޝާއިޢުކުރައްވާތާ 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.
ބަންޑާރަނައިބުގެ އޮފީހުގެ ބިލަކީ ބަންޑާރަނައިބުގެ މަގާމަށް އައްޔަން ކުރެވޭ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތު ކަނޑައެޅުމާއެކު، ބަންޑާރަނައިބުގެ އޮފީހުގެ ނަމުގައި ސިވިލް ސަރވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ޤާއިމުކުރުމަށް ހުށަހައެޅުއްވި ބިލެކެވެ.
އަދި އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާގޮތާއި ހިންގުމާގުޅޭ އުސޫލުތަކާއި މުވައްޒަފުންގެ ކަނޑައެޅުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވައިލެއްވުމަކީވެސް މި ބިލުގެ ބޭނުމެއްކަމަށް ވަނީ ބަޔާންކުރައްވާފައެވެ.
ޤާނޫނުއަސާސީގައި ބަންޑާރަ ނައިބުގެ އޮފީސް މިނިވަންތަނެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތްނަމަވެސް އެ އޮފީސް މިހާތަނަށް ހިންގަމުން އައިސްފައިވަނީ ސިވިލް ސަރވިސްގެ ދަށުންނެވެ.
ނަމަވެސް މިނިވަން ތަންތަނުގެ ގޮތުގައި ޤާނޫނުގައި ބަޔާންކުރާ ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހާއި އެހެން މިނިވަން މުއައްސަސާތައް ހިންގަނީ ވަކި ޤާނޫނުތަކެއްގެ ދަށުންނެވެ.
މި ބިލުގައިވާ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ދެބަޔަކަށް ބަހާލެވޭނެއެވެ. އެއީ ލީގަލް ސަރވިސްއާއި އެޑްމިނިސްޓްރޭޓިވް ސަރވިސްއެވެ.
މުވައްޒަފުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ބިލްގައިވާ ގޮތުން ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް މާލީ ވަޒީރުކަމަށްވެސް ބިލުގައިވެއެވެ.
މީގެ އިތުރުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން އެކަށީގެންވާ ސިއްހީ އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިކުރުމާއި ރިޓަޔަމަންޓް ގަވައިދާ އެއްގޮތަށް ޝަރަފުވެރިކަމާ އެކު ވަޒީފާއިން ވަކިވުމުގެ އިނާޔަތްވެސް ކަނޑައަޅަން ވަނީ ބިލުގައި ހިމަނުއްވާފައެވެ.



