ދިވެހި ޙައްޖުވެރިންނަަށް މުޅިން އަލަށް ލިބިގެންދިޔަ މައްކާ ރޫޓު އިނީޝިއޭޓިވްގެ ޚިދުމަތް ދެއްވުމަށް ރާއްޖެއަށް ވަޑައިގެންނެވި ސަޢުދީ ޢަރަބިއްޔާގެ އޮފިޝަލުންގެ އަގުވަޒަންކޮށްފިއެވެ.
މިކަމަށްޓަކައި ރޭ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވަވާފައެވެ. މި ރަސްމިއްޔާތުގައި ރާއްޖެއަށް ވަޑައިގެންނެވި ސަޢުދީ ޢަރަބިއްޔާގެ އޮފިޝަލުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދެއްވާފައިވެއެވެ.
ހަނދާނީ ލިޔުން ދެއްވެވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ ސަޢުދީ އޮފިޝަލުން ރާއްޖެ ވަޑައިގެން ދިވެހި ޙައްޖުވެރިންނަށް ދެއްވި އަގުނުކުރެވޭފަދަ ޚިދުމަތަށް ޝުކުރު އަދާ ކުރައްވާފައެވެ.
އަދި މައްކާ ރޫޓު އިނީޝިއޭޓިވްގެ ސަބަބުން ދިވެހި ޙައްޖުވެރިންނަށް ލިބިގެންދިޔަ ބޮޑު ލުއިފަސޭހައާއި ގުޅޭ ގޮތުންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.
މީގެ އިތުރުން މައްކާ ރޫޓު އިނީޝިއޭޓިވްގައި އެހެން ޤައުމުތައް ހިމަނާ އުސޫލުތަކުން އިސްތިސްނާކޮށް ރާއްޖެ ހިމެނުއްވެވީތީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންއަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިއަހަރު ރާއްޖެއިން ދަތުރުކުރި 4 ފްލައިޓުގެ ޙައްޖުވެރިންވެސް ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުންނެވެ.
އެގޮތުން ޙައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ސަޢުދީ އިމިގްރޭޝަން އެއްކޮށް ފުރިހަމަކޮށްފައިވާއިރު، ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން މަޑުކުރަން ޖެހެނީ ވަރަށް ކުޑަ ވަގުތުކޮޅެއްކަން ފާހަގަކޮށްލެވެއެވެ.
މިއީ މިހާތަނަށް ޙައްޖުވެރިންގެ ދަތުރަށް ލިބިގެންދިޔަ އެންމެ ބޮޑު ލުއިފަސޭހައެވެ.




