ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީނު ކޯސް 196 ފަރާތަކުން ފުރިހަމަކޮށްފިއެވެ.
އައްޑޫ ސިޓީގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ކުރިއަށް ގެންދިޔަ މި ކޯހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފެވެ.
ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި 210 ފުލުހުން ބައިވެރިވެ، އޭގެ ތެރެއިން 196 ފުލުހުން ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކުރިއެވެ. ބައިވެރިންގެ ތެރޭގައި 48 އަންހެން ފުލުހުންނާއި 162 ފިރިހެން ފުލުހުން ހިމެނެއެވެ.
ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ޙުސައިން ތައިމްއެވެ. އޭނަ އަށް ކޮމިޝަނާ އޮފް ޕޮލިސްގެ އެކްސެލެންސް އެވޯޑު ވަނީ ލިބިފައެވެ.
އިންޑޯ މާއްދާތަކުންނާއި ރަންވިއްކާ ސްކޮޑުންވެސް އެއްވަނަ ހާސިލުކުރީ ޙުސައިން ތައިމެވެ. އައުޓްޑޯ މާއްދާތަކުން އެއްވަނަ ހޯދީ ކޮންސްޓަބަލް ރާނިޔާ އިބްރާހިމެވެ. އަދި އެންމެ މޮޅު ސްކޮޑަކަށް ހޮވުނީ ރަންވިއްކާ ސްކޮޑްއެވެ.
މި ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި ހުނަރު ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ.
މީގެ ތެރޭގައި ދީނީ ވާޖިބުތަކާއި، އިސްލާމީ އަޚްލާޤު، އިންސާނީ ޙައްޤުތަކާއި، ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓް އަދި އެތިކްސް ފަދަ މުހިންމު ބައިތައް ހިމެނެއެވެ.




