އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުގެ ބައްޕަ ހަސަން ވަލީދު (ހަސަންބެ) ނިޔާވެއްޖެއެވެ.
އުމުރުން 70 އަހަރުގައި ހަސަންބެ ނިޔާވީ މިއަދު މެންދުރުގެ ވަގުތެއްގައި އިންޑިއާގެ ބެންގަލޫރުގައި ހޮސްޕިޓަލެއްގައި ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އައްޑޫ ސިޓީގެ ހިތަދޫއަށް އުފަން ހަސަންބެއަކީ ގުރުއާނާއި ދީނަށް ވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ. ހަސަންބެ ވަނީ ހިތަދޫގެ ފަޒާ މިސްކިތުގެ އިމާމުކަން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައެވެ.
މީގެއިތުރުން ނޫރާނީ ސްކޫލްގައި ދަރިވަރުންނަށް ގުރުއާން އުނގަންނަވައިދެއްވުމުގެ މަސައްކަތްވެސް ކުރެއްވިއެވެ.
ހަސަންބެއަކީ ކެންސަރު ބަލީގެ އާލާމްތައް ފެނިވަޑައިގެން ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ބޭފުޅެކެވެ. ނަމަވެސް އެންމެ ފަހު ދުވަސްކޮޅު ވަންދެންވެސް ހަސަންބެ ވަނީ ގިނަ ބަޔަކަށް ހިލޭ ގުރުއާން އުނގަންނަވައިދެއްވުމުގެ މަސައްކަތް ކުރައްވާފައެވެ. އަދި ގުރުއާން ހިތުދަސްކުރުމަށް އެދޭ ފަރާތްތަކަށް އެހީތެރިވެވަޑައިގެންފައިވެއެވެ.
ހަސަންބެ އަވަހާރަވުމާއި ގުޅިގެން އިސް ބޭފުޅުންނާއި ސަރުކާރުގެ އޮފީސްތަކުން ވަނީ ހިތާމައިގެ މެސެޖު ފޮނުވާފައެވެ.
އެންމެންވެސް ފާހަގަކުރިގޮތުގައި ހަސަންބެއަކީ މިސްކިތުގެ އަހުލުވެރިއެއްގެ އިތުރުން، އެހެން މީހުންނަށް ހިތްހެޔޮ ކަމާއެކު އެހީތެރިކަން ފޯރުކޮށްދެއްވި ވަރަށް ދީލަތި ބޭފުޅެއް ކަމުގައެވެ.
މަރުހޫމްގެ ހަށިކޮޅު ރާއްޖެ ގެނެސް ޖަނާޒާގެ ކަންކަން ރޭވުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދެއެވެ.



