އދ. އަތޮޅަށް ދަތުރުކުރި ލޯންޗަކާއި އެމްޕީއެލްގެ ޖެޓީއަށް ވަންނަން ދިޔަ ޓަގު ބޯޓެއް ޖެހި އެކްސިޑެންޓްވެ، ލޯންޗުގެ ކެޕްޓަނަށް އަނިޔާވެއްޖެ އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 3:30 ހާއިރު، މާލެއިން އދ. އަތޮޅަށް ދަތުރުކުރި ލޯންޗަކާއި އެމްޕީއެލްގެ ޖެޓީއަށް ވަންނަން ދިޔަ ޓަގެއް ޖެހި ކަމަށެވެ.
އެކްސިޑެންޓްގައި އަނިޔާވި ކެޕްޓަނަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލު އަދި ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މި ހާދިސާގައި އެކްސިޑެންޓުވި ”މައި އެކްސްޕްރެސް 2“ ނަމަކަށް ކިޔާ ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ފުލުހުން އާންމުކުރި ފޮޓޯތަކުން ދައްކާ ގޮތުގައި ލޯންޗުގެ އަރިމަތި ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ. އަދި ލޯންޗުގެ ބިއްލޫރިތައް ވެސް ވަނީ ތަޅައިގެން ގޮސްފައެވެ.
މި ހާދިސާގައި ކެޕްޓަން ފިޔަވައި އިތުރު އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަން ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



