ގްރޭޓާމާލެ ގްރިޑް ބްލެކްއައުޓަކަށް ދިއުމަށް މެދުވެރިވި ސަބަބު ދެނަގަނެ އެކަމާއި ގުޅުންހުރި މައުލޫމާތު ފަހުން އާންމު ކުރާނެ ކަމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ކަރަންޓް ކެނޑުމުގެ ހާދިސާއާއި ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައިފަހުމީ ވިދާޅުވީ، ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ ވަނީ މިހާރު ހައްލުކުރެވިފައި ކަމަށާއި، މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވިފައިވާ ކަމަށެވެ.
އަދި ކަރަންޓު އަލުން ދިނުމަށްޓަކައި ސްޓެލްކޯގެ މުވައްޒަފުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދިން އެންމެހައި ފަރާތްތަކަށް ފަހުމީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
”މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް މި ކުންފުނިން އަޅާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން.“ ފަހުމީ ވިދާޅުވިއެވެ.
މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ މިއަދު މެންދުރު އެވެ. ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުނީ ހުރިހާ ޖެނެރޭޓަރެއް ނިވިގެން ކަމަށެވެ.
މި މައްސަލަ ސީރިއަސް މައްސަލައެެއްގެ ގޮތުގައި ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަން ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ.
މާލެ ސަރަހައްދުން ކަރަންޓް ކެނޑުމާއި ގުޅިގެން ވަރަށް ގިނަ ހިދުމަތްތަކެއް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.




