ޕެރިސް ސެއިންޓް-ޖަރމަން (ޕީއެސްޖީ) އިން ޔޫއެފާ ޗެމްޕިއަންސް ލީގް ފުރަތަމަ ފަހަރަށް ކާމިޔާބުކުރުމާއި ގުޅިގެން ފްރާންސްގެ އެކި ސަރަހައްދުތަކުގައި ކުރިޔަށް ގެންދިޔަ ހަރަކާތްތައް ހަމަނުޖެހުމަށް ބަދަލުވެ، 2 މީހަކު މަރުވެ، 559 މީހަކު ހައްޔަރުކޮށްފިއެވެ.
ފްރާންސުގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޖަރުމަނުގެ ވެރިރަށް މިޔުނިކުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވުނު މެޗުގައި އިންޓަ މިލާން އަތުން 5-0 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވުމާ ގުޅިގެން، ޕެރިހުގެ މަގުތަކަށް ނުކުމެ އުފާފާޅުކުރި ސަޕޯޓަރުންނާއި އަމަން އަމާންކަން ބެލެހެއްޓުމަށް ތިބި ފުލުހުންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ.
މި ހަމަނުޖެހުންތައް އެންމެ ބޮޑަށް ހިނގާފައިވަނީ ވެރިރަށުގެ ޗެމްޕްސް-އެލިސީސް އެވޭގައެވެ. މި ސަރަހައްދުން އެކަނި 491 މީހުން ވަނީ ހައްޔަރުކޮށްފައެވެ.
އަދި މުޅި ފްރާންސްގެ އެކި ކަންކޮޅުތަކުން ޖުމްލަ 559 މީހުން ވަނީ ހައްޔަރުކޮށްފައި ކަމަށް ޔޫރަޕްގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ހަމަނުޖެހުންތަކުގައި މަރުވި ދެމީހުންގެ ތެރެއިން އެކަކު މަރުވެފައިވަނީ މަގުތައް ބާރުބޮޑުވެ ހިނގި އެކްސިޑެންޓެއްގައެވެ. އަނެއް މީހާއަކީ 17 އަހަރުގެ ޒުވާނެކެވެ. އޭނާ މަރުވެފައިވަނީ ޕީއެސްޖީގެ ކާމިޔާބީއާ ދެކޮޅަށް އަޑުއުފުލުމުން، ސަޕޯޓަރުންތަކެއް ވަޅިން ހަމަލާދިނުމުގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.
މި ހާދިސާއާ ގުޅިގެން ފްރާންސުގެ ސަލާމަތީ ބާރުތަކުން ދަނީ އިތުރު ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ.
އަދި ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ގިނަ ބަޔަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.


