މި އަހަރުގެ ހައްޖު ދުވަހާއި އަޟްހާ އީދު ބަންދުގައި ވެސް ޕާސްޕޯޓާއި ގުޅުންހުރި ހިދުމަތްތައް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ، އެދުވަސްތަކުގައި ”އިމުގާ“ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި، އަޟްހާ އީދު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ޕާސްޕޯޓު ނެގުމަށް ނަމްބަރު ދޫކުރާނީ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އާ ހަމައަށެވެ.
މި ހިދުމަތް ލިބެން ހުންނާނީ ހަމައެކަނި މާލެ ސަރަހައްދުގައި ހިމެނޭ ޕާސްޕޯޓު އޮފީސްތަކުންނެވެ.
އީދު ބަންދުގައި ވިސާގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފުރާ ބިދޭސީންނަށް އެކަނި ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ނަމަވެސް، ރާއްޖެއަށް އަންނަ ފަރާތްތަކަށް ”އިމުގާ“ ޕޯޓަލް މެދުވެރިކޮށް ”ސްޕޮންސަޝިޕް ޑެކްލަރޭޝަން“ އަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަނުގެ ހިދުމަތްތައް ހައްޖު ދުވަހާއި އީދު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 8:00 އިން ހަވީރު 4:00 އަށް ލިބެން ހުންނާނެއެވެ.
އަދި މާލޭގެ ސީޕޯޓު ޑިވިޝަނުގެ ހިދުމަތް ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 8:00 އިން ރޭގަނޑު 10:00 އާ ހަމައަށް ލިބޭނެއެވެ. ހުކުރު ދުވަހު މި ހިދުމަތް ލިބޭނީ މެންދުރުފަހު 2:30 އިން ރޭގަނޑު 10:00 އާ ހަމައަށެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ. އެ ދުވަހުން ފެށިގެން އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ވާނެ އެވެ.




