އުރީދޫ މޯލްޑިވްސްއިން ބާއްވާ ”ފަން ރަން“ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި މަހުގެ 27 ވަނަ ދުވަހު އައްޑޫ މަރަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދުވުމުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރެވޭނީ އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ކަމަށާއި، ރެޖިސްޓަރ ކުރުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 15 ކަމުގައި އެ ކުންފުނިން މައުލޫމާތު ދީފައިވެ އެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭ ކަސްރަތެއްކަން އަންގައިދިނުމުގެ މަގުސަދުގައި ބާއްވާ މި ދުވުމުގައި ބައިވެރިވެވޭނީ އުމުރުން ހަ އަހަރުން މަތީގެ ފަރާތްތަކަށެވެ.
މި ދުވުމުގައި ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ފަރާތްތަކުގެ އިތުރުން އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ އެވެ.
އުރީދޫ ފަން ރަން – އައްޑޫގައި ބައިވެރިވާ ފަރާތްތަކަށް ދެ ކެޓަގަރީއެއްގެ ކިޓް ލިބެން ހުންނާނެ އެވެ.
އެގޮތުން 100 ރުފިޔާއަށް ލިބޭ ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ އިރު، 210 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑް، ފޮތި ދަބަސް، އައިނު އަދި ބަންޑާނާ ހިމެނެ އެވެ.
އުރީދޫއިން މިފަދަ ހަރަކާތްތައް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ފާހަގަކޮށް، އާއިލާތަކަށް އެކުގައި މަޖާ ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.



