ކުރިއަށްއޮތް ބޮޑު ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދާއިރު، އިސްލާމީ ހަމަތަކުގެތެރޭގައި ޢީދު ފާހަގަ ކުރުމަށް ލޯކަލްސް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ، ދިވެހިންނަކީ ޒަމާނުއްސުރެ ވަރަށް ކުލަ ގަދަކޮށް ބޮޑު އީދު ފާހަގަކުރާ ބައެއް ކަމަށާއި އޭގެ ސަބަބުން ދިވެހިންގެ ތެރޭގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ވަރަށް ބޮޑަށް އާލާވެ ދިވެހިންގެ އިޖުތިމާއީ ގުޅުން ބަދަހިވާ ކަމަށެވެ.
އެގޮތުން އިސްލާމީ ރިވެތި އުސޫލްތަކާ އެއްގޮތްވާގޮތުގެ މަތިން ހުރިހާ ރަށެއްގައިވެސް ޢީދުގެ ކުޅިވަރުތަކާއި ޙަރަކާތްތަށް ރާވައި، ހިންގުމަކީ ސަރުކާރުން ތަރުޙީބުދޭ ކަމެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ޢީދު ފާހަގަކުރުމުގެ ކަންކަން ރާއްޖޭގެ ސިޓީތަކަށާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ކުރިޔަށް ގެންދަނީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައިކަން ކަށަވަރު ކުރުމަށް އެ މިނިސްޓްރީން ވަނީ ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކަށް ބެލުމަށް އިލްތިމާސްކޮށްފައެވެ.
މިނިސްޓްރީން ބުނީ، އިސްލާމީ ހަމަތަކުގެ ތެރޭގައި އީދު ފާހަގަކުރުމާއި ދިވެހި ކުދިބޮޑު އެންމެން އީދު އުފަލުގައި ބައިވެރިވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ވަރަށްބޮޑު އިސްކަމެއްދެއްވާ ކަމެއް ކަމަށެވެ.
މި އަހަރުގެ ބޮޑު އީދު ވަނީ މި ހަފުތާގެ ހުކުރު ދުވަހަށެވެ. ކޮންމެ އަހަރެއްގެ ވެސް ބޮޑު އީދު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުލަގަދަކޮށް ފާހަގަކުރެ އެވެ.



