ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ”މިނިވަން 60“ ގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިބަހާއި ސަގާފަތާއި ތަރިކަ މިނިސްޓްރީން ހުޅުވާލައިފިއެވެ.
މި މުބާރާތުގައި އެންމެ މޮޅު ލޯގޯ ފަރުމާކުރާ ފަރާތަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނީ، މި ލޯގޯ ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިނިވަން ފަސްދޮޅަހުގެ ލޯގޯ ފަރުމާކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާ އެއްގޮތަށް ލޯގޯ ފަރުމާކޮށް، ޖޫން 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށެވެ.
މިނިސްޓްރީން ބުނިގޮތުގައި ލޯގޯ ފަރުމާކުރުމުގައި ލޯގޯގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަންވާނީ ގައުމީ ކުލަތަކެވެ.
އަދި އިތުރު ކުލައެއް ބޭނުންކުރާނަމަ، އެއީ ދިވެހި ކަނޑާއި ރާއްޖޭގެ މާހައުލު ރަމްޒުކޮށްދޭ ނޫކުލަ ކަމުގައި ވާންޖެހެއެވެ.
މީގެއިތުރުން، ފަރުމާކުރާ ލޯގޯއަކީ މި މުނާސަބަތާ ގުޅިގެން އެކި ކަންކަމުގައި ބެޖާއި ސްޓިކާގެ ގޮތުގައި ބޭނުންކުރުމަށް ފަސޭހަ ފަރުމާއަކަށް ވާންޖެހެއެވެ. އަދި ހަމައެއާއެކު، ބެނާ އާއި ޗާޕުކުރެވޭ ލިޔުންތަކުގައި އަދި ޓީޝާޓް ފަދަ ތަކެތީގައިވެސް ބޭނުންކުރުމަށް އެކަށީގެންވާ ފަރުމާއަކަށް ވާންޖެހޭނެއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށާއި، ކްލަބް ޖަމިއްޔާ ޖަމާއަތްތަކަށް އަދި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވެއެވެ.



