މާލި އިދާރާތަކަށް ލައިސަންސް ދޫކުރަނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.
އެމްއެމްއޭ އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބޭންކު ލައިސަންސް ދޫކުރުމުގައި އަމަލުކުރަނީ ތިން މަރުހަލާއަކަށެވެ. އެއީ ލައިސަންސް ނަގަން ބޭނުންވާ ފަރާތަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ހުށަހެޅުން ވަޒަންކުރުމާއި، އަދި ލައިސަންސް ދިނުމުގެ މަރުހަލާއެވެ.
ލައިސަންސް ދޫކުރުމުގައި އެމްއެމްއޭ އިން ބަލާ މުހިންމު ކަންތައްތަކުގެ ތެރޭގައި ހުށަހަޅާ ފަރާތުގެ މާލީ ގާބިލުކަމާއި، ރައުސުމާލުގެ މަސްދަރު، ހިއްސާދާރުންނާއި އިސް މެނޭޖްމަންޓްގެ ފިޓް އެންޑް ޕްރޮޕާ އަދި ވިޔަފާރި ޕްލޭން ހިމެނެއެވެ.
މި ހުށަހެޅުންތައް ވަޒަންކުރުމަށްފަހު، އެޑްވައިޒަރީ ކޮމިޓީ އޮން ފައިނޭންޝަލް އިންސްޓިޓިއުޝަން ލައިސަންސިންގ މެދުވެރިކޮށް، ގަވަރުނަރަށް ހުށަހަޅައި، އޮތޯރިޓީގެ ބޯޑުން ވަނީ ނިހާއީ ނިންމުން ނިންމަވާކަމަށް ބަޔާންކޮށްފައިވެއެވެ.
އެމްއެމްއޭ އިން ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ މެއި މަހު ދެ ފަރާތަކަށް ވަނީ ބޭންކިންގ ހިދުމަތް ދިނުމުގެ ހުއްދަ ދީފައެވެ.
އެއީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އާއި ބީއައިސީ ބޭންކް މޯލްޑިވްސްއެވެ. މި ދެ ފަރާތަށްވެސް ދީފައިވަނީ ޓިއާ 1 ބޭންކްގެ ގޮތުގައި ހިދުމަތް ދިނުމުގެ ހުއްދައެވެ.
އެމްއެމްއޭ އިން ވަނީ، ރާއްޖޭގައި އޮޕަރޭޓުކުރުމަށް މާލީ އިދާރާއަކަށް ލައިސަންސް ދޫކުރާނީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމަށް ޔަގީންކަން ދީފައެވެ.
އަދި މާލީ ދާއިރާގެ ހަރުދަނާކަމާއި ނަޒާހަތްތެރިކަން ދެމެހެއްޓުމަކީ އެ އޮތޯރިޓީގެ އެންމެ އިސް އަހަންމިއްޔަތުކަމެއް ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.



