ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު މިއަދު ވަނީ ސިންގަޕޫރާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗަށާއި، ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ އޭޝިއަން ކަޕް ކޮލިފައިން މެޗަށް ފުރައިފައެވެ.
ގައުމީ ޓީމުގެ ފުރަތަމަ މަންޒިލަކީ ސިންގަޕޫރެވެ.
މި ދަތުރުގައި ގައުމީ ޓީމުން ފުރަތަމަ ކުޅޭނީ މި މަހުގެ 5 ވަނަ ދުވަހު ސިންގަޕޫރާ ދެކޮޅަށެވެ. އޭގެ ފަހުން ޓީމު ދަތުރުކުރާނީ އޮސްޓްރޭލިއާއަށެވެ.
އެގޮތުން މި މަހުގެ 10 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގ މެޗުގައި ރާއްޖެ، ޓީމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭނެއެވެ.
ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗު އޮސްޓްރޭލިއާގައި ބޭއްވުމަށް ނިންމާފައިވަނީ ޓިމޯ ލެސްޓޭގައި ފީފާ އަދި އޭއެފްސީގެ މިންގަނޑުތަކަށް ފެތޭ ދަނޑެއް ނެތުމުގެ ސަބަބުންނެވެ.
އެފްއޭއެމްއިން ހާމަކުރި ގޮތުގައި މި މެޗު ތައިލެންޑުގައި ބޭއްވުމަށް ޓިމޯ ލެސްޓޭއިން މަސައްކަތްކޮށްފައިވީ ނަމަވެސް، އެ މަޝްވަރާތައް ކުރިއަށް ނުގޮސް އެންމެ ފަހުން އޭއެފްސީއިން ނިންމީ އޮސްޓްރޭލިއާގައި މެޗު ބޭއްވުމަށެވެ.
ދެ ޓީމުގެ ކުރީގެ ބައްދަލުވުންތަކަށް ބަލާއިރު، 2022 ވަނަ އަހަރު ރާއްޖެ ވަނީ އެކުވެރިކަމުގެ މެޗެއްގައި ސިންގަޕޫރާއި އެއްކޮށް ކުޅެ ބަލިވެފައެވެ. އަދި މިދިޔަ އަހަރު ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު ޓިމޯ ލެސްޓޭއާ ކުޅެ 1-4 ގެ ނަތީޖާއަކުން ބަލިވިއެވެ.
ނަމަވެސް 2014 ވަނަ އަހަރު ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުން ވަނީ ޓިމޯ ލެސްޓޭ ބަލިކޮށްފައެވެ.



