ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް 2025ގެ ބޭންކިންގ ޕާޓްނަރ އަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.
ބީއެމްއެލްއިން ބުނީ، ޖޫން 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ހަފްލާގައި ރާއްޖޭގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތްކުރާ ފާހަގަކޮށްލެވޭ ފަރާތްތަކަށް އެވޯޑް ލިބިގެންދާނެ ކަމަށެވެ.
ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސްގެ މަގުސަދަކީ މި ދާއިރާގައި މަސައްކަތްކުރާ ހީވާގި މުވައްޒަފުންގެ މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރުން ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.
ބީއެމްއެލުން ބުނިގޮތުގައި، މިއަހަރު 450 އަށްވުރެ ގިނަ ނޮމިނޭޝަން ލިބި، 600،000 އަށްވުރެ ގިނަ ވޯޓު ލިބިފައިވުމަކީ މި އެވޯޑްސްއަށް ލިބެމުންދާ ތާއީދާއި ޝައުގުވެރިކަން ދައްކުވައިދޭ ކަމެކެވެ.
”ފަތުރުވެރިކަމުގެ ސިނާއަތުގެ މައިގަނޑު ބައިވެރިންނަށް ވެފައިވާ ހީވާގި މުވައްޒަފުންގެ މަސައްކަތް ފާހަގަކުރުމަށް ބޭއްވޭ ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް 2025ގެ ޕާޓްނަރަކަށް ވެވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް.“ ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް ވިދާޅުވިއެވެ.
މޫސާ ނިމާލް ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ތަނބުކަމުން، އެ ދާއިރާގެ ކުރިއެރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރުމަކީ މުހިންމު ދާއިރާތަކަށް އެހީތެރިވެ، މުޖުތަމައު ބާރުވެރިކުރުވުމަށް ބީއެމްއެލުން ކުރަމުންދާ މަސައްކަތަށް ލިބިގެންދާ ކުރިއެރުމެއް ކަމަށެވެ.
އަދި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރީންގެ ކާމިޔާބީތައް ފާހަގަކުރުމުގައި ބައިވެރިވެވޭކަމީ ބީއެމްއެލްއަށް ލިބޭ އުފަލެއްކަމަށްވެސް މޫސާ ނިމާލް ވިދާޅުވިއެވެ.
ބީއެމްއެލްއިން އަންނަނީ ފަތުރުވެރިކަމުގެ ސިނާއަތަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އަދި ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް މެދުވެރިކޮށް މި ދާއިރާގައި މަސައްކަތްކުރާ ހީވާގި މުވައްޒަފުންގެ މަސައްކަތް ފާހަގަކުރެވޭކަމީ ބޭންކަށް ލިބޭ ފަޚުރެކެވެ.
ބީއެމްއެލުން ބުނީ ހޮޓެލިއާ މޯލްޑިވްސް މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާގެ މުހިއްމު ޚިދުމަތްތެރިންގެ އަޒުވަޒަންކުރުމުގެ ފުރުސަތު ލިބުމަކީ ބޭންކަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.



