އަވައްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ހަލުވިކަމާއެކު ފެތުރެމުންދާތީ، ކުރިޔަށް އޮތް ބަންދުގައި ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން އެކްސްގައު ކުރި ޕޯސްޓެއްގައި ބުނީ، އަވައްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ހަލުވިކަމާއެކު ފެތުރެމުންދާތީ، މި ބަންދުގައި ދަތުރުކުރާ ފަރާތްތަކުން މަދިރި ހެފުމުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށެވެ.
މަދިރިން ރައްކާތެރިވުމަށް އެޗްޕީއޭއިން ދީފައިވާ އިރުޝާދުތަކުގެ ތެރޭގައި މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުމާއި، ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާން ލުމާއި، މަދިރި ދާ ބޭނުންކުރުމާއި، މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަދޮރުތައް ލެއްޕުން ހިމެނެއެވެ.
އެޗްޕީއޭއިން ފާހަގަކޮށްފައިވާ ގޮތުގައި ހުރިހާ ވައްތަރެއްގެ މަދިރި ވެސް އެންމެ ގިނަވަނީ ހެނދުނާއި ހަވީރުގެ ވަގުތުތަކުގައެވެ. އަދި އީޑީސް މަދިރި އާންމުކޮށް މީހުންގެ ގައިގައި ހަފަނީ ދުވާލު ގަޑީގައިއެވެ.
ނަމަވެސް، ދުވާލާއި ރޭގަނޑު ވެސް މަދިރި ހެފުމުން ރައްކާތެރިވުމަށް ސަމާލުވާން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.



