ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ފަރުދީ ފެންވަރުގައި ކުރެވެން ހުރި ހުރިހާ ކަންކަން ކުރުމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް އިލްތިމާސްކުރައްވައިފިއެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ، ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ތިމާވެށީގެ އެންމެ ގިނަ މައްސަލަތައް ކުރިމަތިވެފައިވާ އެއް ޤައުމު ކަމަށެވެ.
އާޒިމް ފާހަގަކުރެއްވި ގޮތުގައި ރަށް ގިރުމާއި، އުދައެރުމާއި، ފަރުތައް ގާތަށް މަރުވުމާއި، މޫސުމީ ވިއްސާރައާއި އަދި ކުނީގެ މައްސަލަތަކަކީ މިހާރު ދިވެހިން ތަހައްމަލް ކުރަންޖެހިފައިވާ މައިގަނޑު މައްސަލަތަކެވެ.
”މާލޭގެ ފަޅުތެރެއިން ދުވާލަކަށް އެންމެ ބޮޑު 100 ޑަސްބިން ކޮތަޅުގެ ކުނި ނަގަންޖެހޭ އިރު، މަގުމަތިން ދުވާލަކު 30 ޓަނުގެ ކުނި ނަގަންޖެހޭ.“ އާޒިމް ވިދާޅުވިއެވެ.
މި ހުރިހާ މައްސަލަތަކެއް ހައްލުކުރުމުގެ ބާރު ރައްޔިތުންގެ އަތުގައި ނެތްކަމުގައި ވީނަމަވެސް، ކުނީގެ މައްސަލަ ފަދަ ތިމާވެށްޓަށް އަސަރުކުރާ ކަންކަން ހައްލުކުރުމުގެ ބާރު ރައްޔިތުންގެ އަތުގައި އޮތްކަން އާޒިމް ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ފަރުދީ ފެންވަރުގައި ކުރެވެންހުރި ހުރިހާ ކަމެއް ކުރުމަށް އާޒިމް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ.



