މިއަދު މަނާ ވަގުތުގައި ވެހިކަލް ދުއްވައިގެން 141 މީހަކަށް ނަސޭހަތް ދެވުނު ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އަޟްހާ އީދު ދުވަހުގައި މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރި ވަގުތުގައި އުޅަނދު ދުއްވައިގެން 141 މީހަކަށް ނަސޭހަތް ދެވުނު އިރު، 11 މީހަކު ޖޫރިމަނާ ކުރެވުނު ކަމަށެވެ.
އަދި ތިން ފަރާތެއްގެ ސައިކަލު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭގެތެރޭގައި ހިމެނެނީ ނުރައްކާތެރިކޮށް ސައިކަލު ދުއްވި ފަރާތަކާއި، ލައިސެންސް މުއްދަތު ހަމަވެފައި އޮއްވާ ދުއްވި ފަރާތެއްގެ އިތުރުން އެއްގޮތަކަށް ވެސް ލައިސެންސް ނެތި ދުއްވި ފަރާތެކެވެ.
އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއްގައި އުޅަނދުތައް ދުއްވުން އޮތީ މަނާކޮށްފަ އެވެ.



