ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 108 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
ޣައްޒާގެ ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިސްރާއީލުގެ އަނިޔާވެރި ހަމަލާތައް މެދުކެނޑުމެއްނެތި ކުރިއަށްދާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް 54،880 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވެއެވެ.
އަދި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 393 މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު، މުޅި ހަނގުރާމައިގައި އަނިޔާ ލިބިފައިވާ މީހުންގެ އަދަދު 126،227 އަށް އަރާފައިވެއެވެ.
ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުން އުވާލުމަށްފަހު، މިއަހަރުގެ މާޗް މަހުން ފެށިގެން މިއަދާ ހަމައަށް އިސްރާއީލުން ވަނީ 4،603 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައި، 14،186 މީހުންނަށް އަނިޔާކޮށްފައެވެ.
މި ހަނގުރާމައިގައި އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން، ޚާއްޞަކޮށް ކުޑަކުދިންނާއި އަންހެނުން ޝަހީދުވަމުންދާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުން މިކަމާ މެދު އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަން ފާހަގަކުރެވެއެވެ.
ޣައްޒާގައި ގިނަ އަދަދެއްގެ އިމާރާތްތަކެއް ސުންނާފަތިކޮށްލާފައި ވުމުން، ޝަހީދުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ރިޕޯޓްތަކުން ފާހަގަކޮށްފައިވެއެވެ.
އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް 7 އޮކްޓޯބަރު 2023 ގައި ފެށީ، ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލަށް ދިން ރޮކެޓް ހަމަލާތަކާއި ގުޅިގެންނެވެ.




