މި މަހު ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ ފިލްމު ”ސޮރީ“ އަކީ މިހާތަނަށް އޭނަ ހެދި ހުރިހާ ފިލްމަކަށް ގޮންޖަހައިލާނެ ވަރުގެ ފިލްމެއް ކަމަށް ދިވެހި ފިލްމް އިންޑަސްޓްރީގެ ކާމިޔާބު ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުނެފިއެވެ.
މި މަހުގެ 17 ވަނަ ދުވަހު އޮލިމްޕަހުގައި ޕްރީމިއާކުރަން ތައްޔާރުވަމުން އަންނަ ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން ފިލްމު މޭކިންގ ގެނެސްދޭން އުޅޭކަން ހިއްސާކޮށް މިދިޔަ ހަފުތާގައި ފޭސްބުކްގައި އާންމުކުރި ވީޑިއޯއެއްގައި ނަހުލާ ބުނީ، ”ސޮރީ“ އަކީ އޭނަ ކުރިން ހެދި ހުރިހާ ފިލްމަކަށް ގޮންޖަހާލާ ވަރުގެ އަސަރުގަދަ ފިލްމަކަށްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
ބެލުންތެރިން ރޮއްވައިލާ ކަހަލަ ރީތި އަސަރުގަދަ ފިލްމް ގެނެސްދޭ ޑައިރެކްޓަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ނަހުލާގެ މި ފިލްމު ބަލަން ދާއިރު ޓިޝޫ ހިފައިގެން ދިއުމަށް ބެލުންތެރިންނަށް އިރުޝާދު ދެމުން އަންނަ ކަމަށް ވެސް ފާހަގަކުރެވެ އެވެ.
ފިލްމުގެ މޭކިންގ ވީޑިއޯގައި ވާހަކަ ދައްކަމުން ފިލްމުގެ ލީޑް އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނީ، މި ފިލްމަކީ ދިވެހި ސިނަމާގައި އާ ރެކޯޑެއް ހަދާނެ މޮޅު އަސަރުގަދަ، ވަރަށް ރީތި ފިލްމަކަށް ވާނެ ކަމަށެވެ.
”މި ފިލްމަކީ ސްކްރިޕްޓް ކިޔަމުން ދިޔައިރު ނޭނގި ރޮވުނު ފުރަތަމަ ފިލްމް.“ ”ސޮރީ“ ގެ ބަތަލާ މަރިޔަމް އައްޒަ ބުންޏެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ވާޝިޔާ މުހައްމަދު، އަހުމަދު އީސަ (އާނަންދު)، ޝީލާ ނަޖީބު، ހުސައިން ސޮބާހް އަދި އަލީ ޝަމީލް ފަދަ ތަރިންގެ އިތުރުން ނަހުލާގެ ހަގު ދަރިފުޅު ލާލި އާއި އޭނަގެ މާމަދަރި އެވްލީ ވެސް ހިމެނެ އެވެ.
”ކަލާޔާ ނުލާ“، ”ޒުލޭހާ“ އަދި ”ޔޫސުފް“ ފަދަ ކާމިޔާބު ފިލްމުތައް ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިން ނަހުލާގެ އެންމެ ފަހުގެ ފިލްމަކީ 2016 ވަނަ އަހަރުގެ ބިރުވެރި ފިލްމު ”4426“ އެވެ.
ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުވި ނަހުލާ ޑައިރެކްޝަނަށް ނުކުތީ 1998 ވަނަ އަހަރުގެ ފިލްމު ”ފަހުނޭވާ“ އިންނެވެ.



