ބަލި މީހުންގެ ފޮޓޯ ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި އެކި ބާވަތުގެ ސްކޭމްތައް ހިންގަމުންދާތީ، މިކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން މިއަދު އިލްތިމާސްކޮށްފި އެވެ.
އެންޓި-ސްކޭމް ސެންޓަރުން ބުނީ، ސޯޝަލް މީޑިއާގައި ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން އެހީ ހޯދުމުގެ ނަމުގައި އާންމުވަމުންދާ ސްކޭމް ޕޯސްޓްތައް އިތުރުވަމުންދާ ކަމަށެވެ.
އަދި މިފަދަ ޕޯސްޓްތަކަށް އާންމުން އިޖާބަދިނުމުގެ ކުރިން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އެންޓި-ސްކޭމް ސެންޓަރުން ވަނީ މުހިންމު އިރުޝާދުތަކެއް ދީފައެވެ. އޭގެ ތެރޭގައި އެހީ ހޯދުމަށް ޕޯސްޓް ކޮށްފައިވާ އެކައުންޓަކީ ބަލިމީހާގެ ނުވަތަ އާއިލާގެ މެންބަރެއްގެ ސައްހަ އެކައުންޓެއްތޯ ޔަގީންކުރުމާއި، ގުޅޭނެ ކަމަށް ދީފައިވާ ނަންބަރަށް ގުޅައި މައުލޫމާތު ސާފުކުރުންހިމެނެއެވެ.
މީގެ އިތުރުން ބަލިމީހާގެ ޑޮކްޓަރުގެ ލިޔުންތަކާއި ހުށަހަޅާފައިވާ މައުލޫމާތު ދިމާވޭތޯ ބެލުމާއި، ޕޯސްޓް ޖަހާފައިވަނީ އިތުބާރުހުރި ފަރާތަކުންތޯ ކަށަވަރުކުރުން ވެސް މުހިންމު ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ސްކޭމް ސެންޓަރުން ވަނީ ރާއްޖޭގައި އެކި ގޮތްގޮތަށް ހިންގާ ސްކޭމްތަކުން މީހުންގެ ފައިސާ ފޭރިގަތުމުގެ މައްސަލަތައް އިތުރުވަމުންދާ ކަމަށް ބުނެފައެވެ.
އެހެންކަމުން، އެއްވެސް ފަރާތަކަށް ފައިސާ ޓްރާންސްފަރ ކުރުމުގެ ކުރިން އެކަމުގެ ސައްހަކަން ކަށަވަރުކުރުމަށް އެންޓި-ސްކޭމް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން މިފަދަ އިރުޝާދުތައް ތަކުރާރުކޮށް ދެމުން އަންނަ ނަމަވެސް، އަދިވެސް ގިނަ ބަޔަކު މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށް ވަމުންދާކަން ފާހަގަކުރެވެއެވެ.
އެހެންކަމުން، މިފަދަ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އާންމުންނަށް ފުލުހުން ގޮވާލާފައިވެއެވެ.



