ތަރިކަ ހިމާޔަތްކޮށް ތަރިކައިން އާމްދަނީ ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ގާއިމުކުރާ އިންޓަރެކްޓިވް މިއުޒިއަމްގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އާދަމް ނަސީރު ވިދާޅުވީ، އެ މިއުޒަމް ފެށުމަށް ބޭނުންވާ ކަރުދާހުގެ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.
އެގޮތުން، އެ މަސައްކަތުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭ ފެށޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”މިއީ ތާރީޚީ ސަރަހައްދުތަކަށް ގެނެވޭ ވަރަށް ބޮޑު ބަދަލެއް.“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އިންޓަރެކްޓިވް މިއުޒިއަމްގެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދޭ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެކެވެ.
އަދި މި މަޝްރޫއުގެ ސަބަބުން ދިވެހިންނަށް ސަގާފަތް ސާފުކޮށް ދޭހަވާނެ ކަމަށާއި ތަރިކައަކީ ކޮބައިކަން އެނގޭނެ ކަމަށާއި، ތާރީޚީ ތަންތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް އައު ތަޖުރިބާތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމާއެކު، ތަރިކައިގެ ދާއިރާއިން އާމްދަނީ ހޯދުމުގެ އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.
އަދި މިކަމުގެ ސަބަބުން ތާރީޚީ ތަރިކަ ހިމާޔަތްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށްވެސް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.




