ބޮޑު އަނިޔާއެއް ނުވަންޏާ ކެރިއަރު ކުރިއަށްގެންދާނެ ކަމަށް ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލް ގައުމީ ޓީމުގެ ކެޕްޓަން ކިރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
އަލް ނަސްރުގައި މަޑުކުރާނެ ކަމަށް ނިންމައި ރޭ ކުޅުނު ނޭޝަންސް ލީގު ކާމިޔާބު ކުރުމަށް ފަހުގައި ދިން އިންޓަވިއުގައި ރޮނާލްޑޯ ބުނީ، ކޮންމެ ވަގުތެއްގެ ބޭނުންވެސް އެންމެ ފުރިހަމަ އަށް ހިފައި، ބޮޑު އަނިޔާއެއް ނުވަންޏާ ކެރިއަރު ކުރިއަށްގެންދާނެ ކަމަށެވެ.
”އެންމެނަށް ވެސް އެނގޭނެ އަހަރެން މި ހުރީ ވަރަށް ދުވަސްވެފައި. ކެރިއަރުގެ ނިމޭ ކޮޅުގައި ހުރެފައި، ކެރިއަރުގެ ކުރީކޮޅުގެ ގޮތްގޮތަށް ވިސްނުން ނުބެހެއްޓޭނެ. ބޮޑު އަނިޔާއެއް ނުވަންޏާ ކެރިއަރު ކުރިއަށްގެންދާނަން. އަދި އަހަރެންގެ މުސްތަގުބަލުގެ އެއްވެސް ކަމެއް ބަދަލުއް ނުވާނެ. އޭގެ މާނައަކީ އަހަރެން އަލް ނަސްރުގައި މަޑުކުރަނީއޭ.“ ރޮނާލްޑޯ ބުންޏެވެ.
ފެބްރީޒިއޯ ރޮމާނޯވެސް ހޯމަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ޕޯޗުގީޒް ކުޅުންތެރިޔާ ވަނީ އަލް ނަސްރު ދޫކޮށްދާނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ.
40 އަހަރުގެ ރޮނާލްޑޯ ވަނީ ރޭ އޭނާގެ ޤައުމީ ޓީމާއެކު ސްޕެއިން ބަލިކޮށް ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ.
ޕޯޗުގަލް އަކީ ޔުއެފާ އިން މުޅިން އަލަށް 2018 ވަަނަ އަހަރު ފެށި ނޭޝަންސް ލީގުގެ ފުރަތަމަ ޗެމްޕިއަނުންނެވެ. އެ ގޮތުން، 2019 ވަނަ އަހަރު އެ މުބާރާތުގެ ފައިނަލުގައި ޕޯޗުގަލް އިން ވަނީ 1-0 އިން ނެދަލެންޑްސް ބަލިކޮށްފަ އެވެ.
މީގެ ދެ އަހަރު ކުރިން، ޕެނަލްޓީ ޖަހައިގެން، ކްރޮއޭޝިއާ ބަލިކޮށް، ތަށި އުފުލާލި ސްޕެއިނަށް ރޭގެ ޕެނަލްޓީގައި ވަނީ ނާކާމިޔާބުވެ، ނޭޝަންސް ލީގު ދިފާއުކުރާ ފުރަތަމަ ޓީމަކަށް ވުމުގެ ޝަރަފް ހޯދަން ލިބުނު ފުރުސަތު ގެއްލިފަ އެވެ.



