ޝައިޚު ފަރީދު ވަކިވެދިއުމަކީ އިސްލާމީ ޚިދުމަތަށް ލިބިގެން ދިޔަ ދެރައެއްކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.
މިއަދު ކުއްލިގޮތަކަށް ޝެއިހް ފަރީދު ނިޔާވުމާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ، ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދު އަވަހާރަވި ޚަބަރު އަޑުއެހީ ވަރަށް ފުން ހިތާމައާއެެކުގައި ކަމަށެވެ.
ޝައިޚު ވަކިވެދިއުމަކީ އިސްލާމީ ޚިދުމަތަށް ލިބިގެން ދިޔަ ދެރައެއް ކަމަށާއި ޝައިޚު ފަރީދަކީ އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވިފައިވާ އުސްތާޛެއް އަދި ޚިދުމަތްތެރި ޝަޚްޞިއްޔަތެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޝެއިހް ފަރީދަކީ ވަރަށް ބޮޑު ޤުރުބާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ.
”މާތް ﷲ ޝައިޚަށް ރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން. ވަކިވެގެން އެދިޔައީ ގާތް އަޚެކެވެ.“ މިނިސްޓަރު ވިދާޅުވިއެވެ.
މައުލޫމާތު ލިބޭގޮތުގައި ޝެއިހް ނިޔާވީ މިއަދު މެލޭޝިޔާގައެވެ.
ޝެއިހް މެލޭޝިޔާއަށް ވަޑައިގެންނެވީ އެ ގައުމުގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
މެލޭޝިއާގެ އެއާޕޯޓަށް ފެއިބިތަނާ ޝެއިހް ފަރީދު ވެއްޓުމުން ސީޕީއާރު ދިންކަމަށާއި، އެހެންނަމަވެސް އޭގެ ކުޑަވަގުތުކޮޅެއް ފަހުން ޝައިހް ނިޔާވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
އަލް މައުހަދުން ތައުލީމު ހާސިލު ކުރެއްވި ޝެއިހް ފަރީދަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އިލްމުވެެރި އެކެވެ.
އެގޮތުން އެކި ރަށްރަށަށް ވަޑައިގެން ވެސް ދީނީ ގިނަ ދަރުސްތައް ޝެއިހް ފަރީދު ވަނީ ދެއްވާފަ އެވެ.
ދީނީ އިލްމުވެރިޔާ އަލީ ޒައިދުގެ ކޮއްކޮ ކަމަށްވާ ޝެއިހް ފަރީދަކީ ދީނީ އެކި މައުލޫމާތު ގެެނެސްދޭ ޓީވީ ޗެނަލް ”އަލް ކައުނު“ ގެ ޗެއާމަން ވެސް މެއެވެ.
ޝެއިހް ފަރީދު ނިޔާވުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލްމީޑިއާގައި އެކަމުގެ ހިތާމަފާޅުކޮށް އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.



