އިންޑިއާގައި ކޮވިޑް-19 ކޭސްތަކުގެ އަދަދު 6،000 އަށް އަރައި، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އެބަލީގައި 6 މީހުން މަރުވެއްޖެއެވެ.
އިންޑިއާގެ ހެލްތް މިނިސްޓްރީން އާދިއްތަ ދުވަހު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި 769 އައު ކޮވިޑް ކޭސް ރިޕޯޓްކޮށްފައިވާއިރު، އެންމެ ގިނައިން އަސަރުކޮށްފައިވާ ސްޓޭޓުތަކުގެ ތެރޭގައި ކެރަލާ، ގުޖަރާތު، ވެސްޓް ބެންގާލް، ދިއްލީ އަދި މަހާރާޝްޓްރާ ހިމެނެއެވެ.
މިއަދާއި ހަމައަށް މުޅި ޤައުމުގައި ޖުމްލަ 6،133 އެކްޓިވް ކޭސް ރިޕޯޓުކޮށްފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.
އިންޑިއާ ސަރުކާރުން ފާހަގަކުރި ގޮތުގައި ގިނަ ކޭސްތަކަކީ މައިލްޑް ކޭސްތަކެއް ކަމާއި، މި ފަރާތްތައް ގޭގައި ތިބެގެން ފަރުވާ ހޯދަމުންދާކަމަށް ބުނެފައިވެއެވެ.
އަދި މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން، ޤައުމުގައި ކޮވިޑާ ގުޅުންހުރި 65 މަރު ރެކޯޑްކުރެވިފައިވާކަން ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި މެއި 22 އާއި ހަމައަށް 257 އެކްޓިވް ކޭސް ތިބިއިރު، މިހާރު ކޭސްތަކުގެ އަދަދު ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ.
އިންޑިއާގައި އިތުރު ކޭސްތަކަށް ތައްޔާރުވުމުގެ ގޮތުން، ސަރުކާރުން ޤައުމުގެ އެކި ހިސާބުތަކުގައި ހުރި ހޮސްޕިޓަލުތަކުގައި މޮކް ޑްރިލްތައް ހިންގައި، އޮކްސިޖަން ސަޕްލައި، ވެންޓިލޭޓަރުތައް އަދި މުހިންމު ބޭސްތައް ލިބެންހުރި މިންވަރު ދަނީ ބަލަމުންނެވެ.
އިންޑިއާ ސަރުކާރުން ވަނީ ރައްޔިތުންނަށް މިބައްޔަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.



