މިއަހަރުގެ ޖޫން މަހުގެ ފުރަތަމަ 9 ދުވަހު ރާއްޖެއަށް 45،614 ފަތުރުވެރިން އައިސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %38 އިތުރު އަދަދެކެވެ.
އަދި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،011،972 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 9.4% އިތުރު އަދަދެކެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން (121،393)، ރަޝިއާއިން (111،937) އަދި އިނގިރޭސިވިލާތުން (101،781) އެވެ.
މި ތިން ޤައުމުން އެކަނި ވެސް ވަނީ 100،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ 1،200 ތަނެއް ހުރިއިރު، ޖުމްލަ އެނދުގެ އަދަދަކީ 63،969 އެވެ. މީގެ ތެރެއިން 71.6% އަކީ ރިސޯޓްތަކުގެ އެނދު ކަމަށްވާއިރު، 23% އަކީ ގެސްޓްހައުސްތަކުގެ އެނދެވެ.
މިދިޔަ އަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު، މިއަހަރު 2.3 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒަށް ވަސިލުވުމަށް ޓުއަރިޒަމް ދާއިރާ އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.




