އިންވެސްޓްމަންޓް ސްކޭމްތަކަށް ސަމާލުވުމަށް އެންޓި-ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.
އެ ސެންޓަރުން ފާހަގަކުރި ގޮތުގައި ޓެލެގްރާމް މެދުވެރިކޮށް ސްކޭމަރުން އަންނަނީ ޔޫޒަރުންގެ އެކައުންޓްތައް ކޮމްޕްރޮމައިޒްކުރުމަށް މަސައްކަތްކުރަމުންނެވެ.
އެންޓި-ސްކޭމް ސެންޓަރުން ބުނީ މިފަދަ ސްކޭމްތަކުގައި ހިމެނެނީ އާދަޔާ ޚިލާފު ބޮޑެތި ފައިދާ ލިބޭނެ ކަމަށް ބުނެ ހިންގާ އަސްލެއް ނެތް ސްކީމްތަކެއް ކަމަށެވެ.
އަދި ހަމައެކަނި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއެކު މުޢާމަލާތްކުރުމަށާއި އިންވެސްޓްމަންޓް ޕްލެޓްފޯމްތައް ވެރިފައި ކުރުމަށް އެ ސެންޓަރުން އިލްތިމާސްކޮށްފައިވެއެވެ.
ސްކޭމްގެ ޝިކާރައަކަށްވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައް
އެންޓި-ސްކޭމް ސެންޓަރުން ދީފައިވާ މަޢުލޫމާތުގައި، ސްކޭމްގެ ޝިކާރައަކަށްވެއްޖެނަމަ ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުމަށާއި، ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުމަށް އަންގާފައިވެއެވެ.
މީގެއިތުރުން، އެފަދަ ހާދިސާއެއް ހިނގައިފިނަމަ ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.
ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް
އޮންލައިންކޮށް ވިޔަފާރިކުރާއިރު ރައްކާތެރިވުމަށްޓަކައި، ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުމާއި، ކްރެޑިޓް ކާޑު ނުވަތަ ވާރޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުމަށް އެންޓި-ސްކޭމް ސެންޓަރުން ލަފާދެއެވެ.
އަދި އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން ކަން ކަށަވަރުކުރުމުގެ އިތުރުން، އެންޓި-ފިޝިން ސޮފްޓްވެއާ ބޭނުންކުރުމަކީވެސް މުހިންމު ކަމެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.



