މިދިޔަ ހޯމަ ދުވަހު އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަލްމަރުހޫމް ޝައިހް އިބްރާހިމް ފަރީދު އަހުމަދުގެ އަޑުން ރެކޯޑުކޮށްފައިވާ އައްމާ ފޮތް އާންމުކޮށްފިއެވެ.
އިލްމު.އެމްވީން މިއަދު ހާމަކުރި ގޮތުގައި މި ރެކޯޑިން ރައްކާކޮށްފައި އޮތްތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ޝައިޚް ފަރީދުގެ އަވަހާރަވުމާ ގުޅިގެން، އެ މަރްޙޫމަށް ޓަކައި ސަދަގާތެއްގެ ގޮތުގައި މި ރެކޯޑިން އަޑުއެހޭނެ ލިންކެއް ހިއްސާކޮށްފައިވާނެ ކަމަށެވެ.
ދީނީ އިލްމު ފެތުރުމާއި ދައުވަތު ދިނުމުގައި އުމުރުފުޅުގެ ބޮޑު ބައެއް ހޭދަކުރެއްވި ޝައިހް ފަރީދު އަވަހާރަވީ މެލޭޝިއާއަށް ވަޑައިގަތްތަނާ ހާޓް އެޓޭކެއް ޖެހިވަޑައިގެން އެއާޕޯޓުގައެވެ.
އެ މަރްޙޫމްގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިއާގައި ވަނީ ބާއްވާފައެވެ.
އަންނަ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޝައިޚް ފަރީދުގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރުން އޮންނާނެކަން ވަނީ އިޢުލާނުކޮށްފައެވެ.
މީގެއިތުރުން، ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝް އަދި ރާއްޖޭގައި މިސްކިތެއް ބިނާކުރުމަށް ހިދުމަތް ޖަމްޢިއްޔާއިން ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގެ ފަންޑު ހޯދުމަށް ހުޅުވާލިތާ 24 ގަޑިއިރު ވެސް ނުވަނީސް އަންދާޒާކުރި އަދަދު ވަނީ ހަމަވެފައެވެ. ހިދުމަތް ޖަމްޢިއްޔާއިން ބުނާ ގޮތުގައި އެ ފަންޑަށް އަދިވެސް ދަނީ އެހީތައް ލިބެމުންނެވެ.
އަދި ބަންގްލަދޭޝްގައި މިސްކިތް ބިނާކުރުމަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ފައިސާ ލިބެމުންދާތީ، ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރުމަށް ނިންމާފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.



