ޔޫއޭއީގެ ލޯކޮސްޓް އެއާލައިން، އެއަރ އަރަބިއާ އިން މިއަހަރުގެ ފަހުކޮޅު ފެށިގެން ރާއްޖެއަށް ކުރާ ދަތުރުތައް ދެގުނައަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖުގައި އެމްއޭސީއެލުން ބުނީ، އެއަރ އެރޭބިއާ އިން މިހާރު ޝަރްޖަހް އާއި މާލެއާ ދެމެދު ދުވާލަކު އެއް ދަތުރު ކުރަމުން ގެންދާއިރު، އޮކްޓޯބަރ 27 އިން ފެށިގެން މި ރޫޓްގައި ދުވާލަކު ދެ ދަތުރު ކުރަން ފަށާނެ ކަމަށެވެ.
ޝަރްޖާހް އާއި މާލެއާ ދެމެދު ސީދާ ދަތުރުތައް އެއަރ އެރޭބިއާ އިން ފެށީ މީގެ އަހަރެއް ކުރިންނެވެ. އޭގެ ފަހުން މި ރޫޓަށް ވަނީ ފާހަގަކުރެވޭ ކުރިއެރުންތަކެއް ލިބިފައެވެ.
އެއަރ އަރަބިއާގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ޝާރްޖާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދުއެވެ.
އެމްއޭސީއެލުން ބުނިގޮތުގައި ފްލައިޓުތައް އިތުރުކުރަން ނިންމީ، ރާއްޖެއަށް ދަތުރުކުރުމަށް އޮންނަ ޑިމާންޑު އިތުރުވަމުން އަންނާތީކަމަށެވެ.
މި އެއާލައިނުގެ ދަތުރުތައް ދެގުނައަށް އިތުރުކުރުމުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، އިރުމަތީ ޔޫރަޕާއި ރާއްޖެއާ ގުޅުން ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ.



