ފީފާ ކްލަބް ވޯލްޑް ކަޕުގައި ވާދަކުރުމަށް މެންޗެސްޓަރ ސިޓީން އިއުލާންކުރި 27 ކުޅުންތެރިންގެ ސްކޮޑުން އިނގިރޭސި މިޑްފީލްޑަރ ޖެކް ގްރީލިޝް ބާކީކޮށްފިއެވެ.
ސިޓީގެ ސްކޮޑުގައި ގްރީލިޝްގެ ބަދަލުގައި ޖާގަ ދީފައިވަނީ އަލަށް ސޮއިކުރި ތިން ކުޅުންތެރިންނަށެވެ. އެއީ ޓިޖަނީ ރެއިންޑާސް އާއި ރަޔަން ޗާކީގެ އިތުރުން ރަޔަން އައިޓް-ނައުރީ އެވެ. މި ތިން ކުޅުންތެރިންނަކީވެސް މި ސީޒަނުގައި ސިޓީއާ ގުޅުނު ކުޅުންތެރިންނެވެ.
ގްރީލިޝްގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި އޭނާ ސްކޮޑުން ބާކީވުމާ ގުޅިގެން އިތުރު ސުވާލުތަކެއް އުފެދިފައިވާއިރު، ގްރީލިޝް އެހެން ޓީމަކަށް ބަދަލުވާން ޖެހިދާނެ ކަމަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ވަނީ ލީގުގެ ފަހު މެޗަށްފަހު ބުނެފައެވެ.
އަދި ރިޕޯޓުތައް ބުނާ ގޮތުގައި އެވަޓަން ހިމެނޭ ގޮތަށް ޕްރިމިއާ ލީގުގެ ބައެއް ޓީމުތަކުންނާއި އެހެނިހެން ލީގުތަކުގެ ޓީމުތަކުން ދަނީ ގްރީލިޝް ހޯދުމަށް މަސައްކަތްކުރަމުންނެވެ.
ގްރީލިޝްގެ އިތުރުން ސިޓީގެ ސްކޮޑުން ޖާގަ ނުލިބުނު ކުޅުންތެރިންގެ ތެރޭގައި ކައިލް ވޯކާ އާއި ޖޭމްސް މެކްއަޓީ ހިމެނެއެވެ. ވޯކާ ވަނީ މި ސީޒަނުގެ ނިޔަލަށް އިޓަލީގެ އޭސީ މިލާނަށް ލޯނު އެއްބަސްވުމެއްގެ ދަށުން ބަދަލުވެފައެވެ. އަދި މެކްއަޓީ އަކީ 21 އަހަރުން ދަށުގެ ޔޫރޯގައި ވާދަކުރާ އިންގްލެންޑް ޓީމުގެ ކެޕްޓަންއެވެ.
ކްލަބް ވޯލްޑް ކަޕުގައި މެންޗެސްޓަރ ސިޓީގެ ފުރަތަމަ މެޗު ކުޅޭނީ މި މަހުގެ 18 ވަނަ ދުވަހު މޮރޮކޯގެ ވައިދާދް އޭސީ އާ ދެކޮޅަށެވެ.
މި މުބާރާތުގައި ސިޓީ ވާދަކުރަނީ 2023 ގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ.



