އެއާޕޯޓަށް ހައްޖުވެރިން ބަލާދާ މީހުންނާއި އުޅަނދުތައް ފުލުހުންގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް ފުލުހުން އެދެފިއެވެ.
ފުލުހުން މިފަދައިން އެދުނީ ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި އެއާޕޯޓްގެ ޓްރެފިކް ތޮއްޖެހުން ބޮޑުވެ، ޓެކްސީ ކިއުއަށް ބާރު ބޮޑުވާނެކަމަށް ލަފާކުރެވޭތީއެވެ.
މިގޮތުން ހައްޖުވެރިން ބަލާ އެއާޕޯޓަށް ވަޑައިގަންނަވާ ގާތްތިމާގެ މީހުންނާއި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދިޔައީ 1000 މީހުންނެވެ. އަދި މި ހައްޖުވެރިން ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ 13 ޖޫން، 14 ޖޫން، 16 ޖޫން އަދި 17 ޖޫންގައެވެ.
ހައްޖާޖީންގެ ފުރަތަމަ ފްލައިޓް ރާއްޖެ އަންނާނީ މިމަހުގެ 13 ވާ ހުކުރު ދުވަހުއެވެ.




