އެއާ އިންޑިއާގެ ބޮއިންގް 787 ޑްރީމްލައިނާ މަތިންދާބޯޓު ވެއްޓުނު ހާދިސާގައި އެކަކު ދިރިހުއްޓާ ފެނިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
އަހްމަދުއާބާދުގެ ޕޮލިސް ކޮމިޝަނަރު ޖީއެސް މަލިކް އިންޑިއާގެ މީޑިއާއަށް ދެއްވި މަޢުލޫމާތުގައި ބުނި ގޮތުގައި، ސީޓް 11އޭ ގައި ދަތުރުކުރި ފަސިންޖަރު ދިރިހުރި ކަމަށް ކަށަވަރުވެފައިވެއެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ވިޝްވާޝް ކުމާރު ރަމޭޝް އެވެ.
”ސީޓް 11އޭ އިން ސަލާމަތްވި އެކަކު ފުލުހުންނަށް ފެނިއްޖެ. މި ހާދިސާގައި ސަލާމަތްވި މީހާއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުން،“ މަލިކް ބުންޏެވެ.
ސަލާމަތްވި ފަސިންޖަރު އިންޑިއާގެ މީޑިއާއަށް ދިން މަޢުލޫމާތުގައި ބުނި ގޮތުގައި، ފުރިތާ ތިރީހަކަށް ސިކުންތު ފަހުން ބާރު އަޑެއް އިވިފައި މަތިންދާބޯޓު ވެއްޓުނީއެވެ.
އަދި އެ ހުރިހާ ކަމެއް ވެސް ވީވަރަށް އަވަހަށް ކަމަށް ފަސިންޖަރު ބުންޏެވެ. އަދި އޭނާ ވަނީ އޭނާގެ ބޯޑިންގ ޕާސް ދައްކައި، އެއީ އޭނާގެ ސީޓް ނަންބަރު ކަން ކަށަވަރުކޮށްދީފައެވެ.

މި ހާދިސާގެ ތަހުގީގަށް އެހީތެރިވުމަށް އިނގިރޭސި ވިލާތުގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބްރާންޗް (އޭއޭއައިބީ) އިން ވަނީ އިންޑިއާއަށް މާހިރުންގެ ޓީމެއް ފޮނުވުމަށް ނިންމާފައެވެ.
އަދި މިހާތަނަށް މި ހާދިސާގައި 204 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ވެސް ވަނީ ރިޕޯޓުކުރެވިފައެވެ.




