މާތް اللهގެ ޙަޟުރަތުގައި މަތިވެރި ދަރަޖަ އެދޭ ނަމަ، ތަވާޟުޢުވެރިވެ ރިވެތި އަޚްލާޤުގައި ހިފެހެއްޓުމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ތަވާޟުޢުވެރިކަމަކީ ދަރަޖަ އުފުލިގެންވާ ކަމެކެވެ.“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، ތަވާޟުޢުވެރިކަމަކީ ހިތްތިރިކަމާއި މަޑުމޮޅިކަމުގެ ސިފައެއް ކަމަށެވެ.
މީސްތަކުންގެ މައްޗަށް ކިބުރުވެރި ނުވުމާއި، ލިބިފައިވާ ޖާހާއި މުދަލުގެ ސަބަބުން ފަޚުރުވެރި ނުވުމަކީ ތަވާޟުޢުވެރިކަމުގެ މައިގަނޑު ސިފަތައް ކަމުގައި ހުތުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނި ގޮތުގައި ތަވާޟުޢުވެރިކަމަކީ ނަބިއްޔުންގެ ޚުލްޤުފުޅެކެވެ. އަދި މުއުމިނުންގެ ސިފައެކެވެ. މި ސިފައިގެ ސަބަބުން ޝަރަފުވެރީންގެ ޝަރަފު އިތުރުވެ، ނަޞްރުވެރީންނަށް ނަޞްރު ލިބޭނެއެވެ.
ތަވާޟުޢުވެރިކަމަކީ މީސްތަކުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން އިތުރުވެ، އުޚުއްވަތްތެރިކަން ފެތުރިގެންދާ ސަބަބެއްކަން ޚުޠުބާގައި ބުނެފައިވެއެވެ. އަދި މުސްލިމުންގެ އުޚުއްވަތްތެރިކަމުގައި އެއްވެސް ތަފާތުކުރުމެއް ނެތްކަމާއި، ތަފާތުވަނީ ހަމައެކަނި އެ މީހެއްގެ ތަޤުވާވެރިކަމާއި ހެޔޮޢަމަލުންކަން ހުތުބާގައި ބަޔާންކޮށްފައިވެއެވެ.
ޚުޠުބާގައި ހިމެނުނު ޙަދީޘްފުޅެއްގައިވާ ގޮތުން، މާތްﷲ އަށްޓަކައި ތަވާޟުޢުވެރިވާ މީހާގެ ދަރަޖަ އެކަލާނގެ މަތިވެރި ކުރައްވާނެއެވެ. އަދި މަޢާފުކުރާ އަޅަކަށް، ޢިއްޒަތްތެރިކަމެއް މެނުވީ މާތް ﷲ އިތުރު ނުކުރައްވާނެކަން ބަޔާންކުރެވުނެވެ.
އިސްލާމްދީން ފެތުރުނީ މަޑުމައިތިރިކަމާއި، ތަވާޟުޢުވެރިކަމާއި އޯގާތެރިކަމުންކަން ޚުޠުބާގައި ފާހަގަކުރިއެވެ.
އަދި މާތް ނަބިއްޔާގެ ސީރަތުން މިކަން ސާބިތުވާކަމާއި، އެކަލޭގެފާނުގެ މަޑުމައިތިރި އަދި އޯގާތެރި ސިފަފުޅުތަކުގެ ސަބަބުން މީސްތަކުން އިސްލާމްދީނަށް ޝައުޤުވެރިވެވަޑައިގަތްކަން ވެސް ޚުޠުބާގައި ބުންޏެވެ.



