އިސްރާއީލުން ރޭ އިރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށާއި އެހެނިހެން ތަންތަނަށް ދިން ހަމަލާތަކާ ގުޅިގެން، އިރާނުން މިއަދު އިސްރާއީލަށް ޑްރޯނާއި މިސައިލް ހަމަލާތަކެއް ދޭން ފަށައިފިއެވެ.
މިއީ އިރާނުން ބުނާ ގޮތުގައި ބަދަލު ހިފުމުގެ ގޮތުން ދޭ ހަމަލާތަކެކެވެ.
އިރާނުން އެންމެ ފުރަތަމަ ފޮނުވާލާފައިވަނީ 100 އަށްވުރެ ގިނަ ޑްރޯން ހަމަލާތަކެވެ. މި ޑްރޯންތަކުގެ ތެރެއިން ބައެއް ޑްރޯންތައް ވަނީ އިރާޤާއި އުރުދުން މެދުވެރިކޮށް އިސްރާއީލުގެ ވައިގެ ސަރަހައްދަށް ވަދެފައެވެ. އުރުދުނާއި އިސްރާއީލުން ވަނީ މި ޑްރޯންތައް ހުއްޓުވުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެފައެވެ.
ޑްރޯން ހަމަލާތަކަށްފަހު، އިރާނުން ވަނީ މިސައިލް ހަމަލާތަކެއްވެސް ފޮނުވާލާފައެވެ. ނަމަވެސް މި މިސައިލްތަކަކީ ކޮން ބާވަތެއްގެ މިސައިލްތަކެއްކަން އަދި ކިތައް މިސައިލްކަން އަދި އިސްރާއީލަށް ފޯރާނެ ވަގުތެއް މި ވަގުތު އެނގިފައެއް ނުވެއެވެ.
އުރުދުންގެ ވައިގެ އަސްކަރިއްޔާއިން މަޢުލޫމާތު ދެމުން ބުނެފައިވަނީ، އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން އިރާނުން ފޮނުވާލި މިސައިލްތަކެއް ހުއްޓުވާލެވިފައިވާ ކަމަށެވެ.
އަދި އިރާނުން ފޮނުވާ ކޮންމެ މިސައިލަކާއި ޑްރޯނެއް ހުއްޓުވުމަށް ފުރިހަމައަށް ތައްޔާރުވެގެން ތިބި ކަމަށްވެސް އުރުދުންގެ ވައިގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.
އިސްރާއީލުން ރޭ އިރާނަށް ދިން ހަމަލާގައި އިރާނުގެ އިސް އޮފިޝަލުންނާއި އާންމު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް އިރާނުން ބުނެފައިވެއެވެ.
މި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ސަރަހައްދުގައި އިތުރަށް ހަނގުރާމައިގެ ހާލަތު ގޯސްވެދާނެ ކަމުގެ ބިރު އެބައޮތެވެ.


