އީރާނާއި އިޒްރޭލް އާއި ދެމެދު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް މައްޗަށް ޖެހިއްޖެއެވެ.
މިގޮތުން ތެލުގެ އަގު މިހާރު ވަނީ 7 އިންސައްތައަށް އިތުރުވެފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކަނޑައެޅުމަށް ބެންޗްމާކެއްގެ ގޮތުގައި ބަލާ ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ވަނީ 10 އިންސައްތައަށްވުރެ މަތިވެފައެވެ. ނަމަވެސް ފަހުން މި އަގު ބެރަލަކަށް 75 ޑޮލަރަށް ދަށްވެފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 10 އިންސައްތަ ދަށް އަގެކެވެ.
އަދި 2022 ވަނަ އަހަރު ރަޝިއާ-ޔުކްރެއިން ހަނގުރާމައިގެ ތެރޭގައި ބެރަލަކަށް 130 ޑޮލަރަށް އަރާފައިވާ އަގާ އަޅާބަލާއިރުވެސް މިއީ ދަށް އަގެކެވެ.
ކަމުގެ މާހިރުން ބުނާ ގޮތުގައި މިކަމުގެ ސަބަބުން ހަކަތައިގެ އަގުތައް އިތުރަށް މައްޗަށް ދިއުމުގެ ބިރުވެސް އެބައޮތެވެ.
އަދި ތެލުގެ އަގު މައްޗަށް ދިއުމުން ދަނޑުވެރިކަމާއި، އުފެއްދުންތެރިކަމުގެ ދާއިރާއަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ. ކާބޯތަކެތީގެ ރޮނގުން ބަލާއިރު، ދަނޑު މެޝިނަރީ ހިންގުމާއި، އުފެއްދުންތައް އުފުލުމާއި، ޕްރޮސެސްކޮށް ޕެކޭޖްކުރުމުގެ ޚަރަދު އިތުރުވެގެންދާނެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައު ގޭސްގެ އަގުވެސް ވަނީ އިޒްރޭލްއާއި އީރާނާއި ކުރާ ހަނގުރާމައިގެ ސަބަބުން މައްޗަށް ގޮސްފައެވެ.
ނަމަވެސް މާހިރުން ފާހަގަކުރާ ގޮތުގައި، މާކެޓް މަސައްކަތްކުރާ ގޮތާއި ރެގިއުލޭޓަރީ ނިޒާމުގެ ސަބަބުން މީގެ އަސަރު އާންމު ރައްޔިތުންނަށް ކުރާނީ ވަރަށް މަޑުމަޑުންނެވެ.




