އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ރިޓަޔަމަންޓް ޕެކޭޖުގެ ގޮތުގައި ލިބޭ އަދަދު ބޮޑުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ހުށަހެޅުމުގައި އުއްތަމަ ފަނޑިޔާރަށް ލިބޭ ރިޓަޔަމަންޓް ޕެކޭޖުގެ ތެރެއިން ގަނޑުކޮށް އެއްފަހަރާ ލިބޭ ފައިސާގެ އަދަދާއި މަހަކު ލިބޭ އެލަވަންސް 70,000 ރުފިޔާއަށް ބޮޑުކުރުމަށް ވަނީ އެދިފައެވެ.
މި ހުށަހެޅުން ހުށަހަޅާފައިވަނީ މިހާރުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މިދިޔަ މޭ މަހުގެ ކުރީކޮޅު ރިޓަޔަރކުރެއްވުމަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ.
މަޖިލީހުން މި ހުށަހެޅުމަށް ރުހުން ދީފިނަމަ، މުއުތަސިމްއަށް އެއްފަހަރާ ލިބޭ ފައިސާގެ އަދަދު ބައި މިލިއަނެއްހާ ރުފިޔާއަށް އަރާނެ ކަމަށް ވަނީ ފާހަގަކުރެވިފައެވެ.
މި ހުށަހެޅުމާ ގުޅޭގޮތުން މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބަހުސްކުރެވުނެވެ.
ބަހުސްގައި ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުން މި ހުށަހެޅުމަށް ތާއީދުކުރި ނަމަވެސް، މިއީ އުއްތަމަ ފަނޑިޔާރާއެކު ސަރުކާރުން ހެދި ޑީލެއްގެ ތެރެއިން ހުށަހެޅި ހުށަހެޅުމެއް ކަމަށް ބުނެ އެމްޑީޕީގެ މެންބަރުން ވަނީ ފާޑުކިޔާފައެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔަރކުރެއްވުމަށް ހުށަހެޅުއްވި އިރު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަނީ ސަސްޕެންޑް ކުރެވިފައެވެ. މި މައްސަލައިގައި ސަސްޕެންޑްކުރެވުނު ފަނޑިޔާރުންގެ ތެރެއިން ހުސްނުއް ސުއޫދު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
އަދި ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަނީ މަޤާމުން ވަކިކޮށްފައެވެ.




