އިސްރާއީލާއި އީރާނާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އިސްރާއީލަށް ދަތުރު ނުކުރުމަށް އިނގިރޭސި ވިލާތުގެ ސަރުކާރުން އިލްތިމާސްކޮށްފިއެވެ.
އިސްރާއީލްގެ ގިނަ ސަރަހައްދުތަކެއް ރަތް ޒޯންގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ އިރު، އިނގިރޭސި ވިލާތުގެ ރައްޔިތުން އެ ސަރަހައްދަށް ދަތުރު ނުކުރުމަށް އިނގިރޭސި ވިލާތުގެ ސަރުކާރުން ވަނީ ނަސޭހަތްތެރިވެފައެވެ.
މި ހަނގުރާމައިގެ ސަބަބުން އިސްރާއީލްގެ އިގްތިސާދަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. އެގޮތުން ފަތުރުވެރިންގެ ގޮތުގައި އިސްރާއީލަށް އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވާނެ ކަމަށް ލަފާކުރެވެއެވެ.
އިނގިރޭސި ވިލާތުގެ ފަތުރުވެރިން ވަރަށް ގިނައިން އިސްރާއީލަށް ދަތުރުކުރާ ކަމަށް ފާހަގަކުރެވެއެވެ.
މި ހަނގުރާމައިގެ ސަބަބުން ވަރަށް ގިނަ އެއަރލައިންތަކުން އިސްރާއީލަށް ދަތުރުކުރުން ވަނީ ހުއްޓާލާފައެވެ. މިއީ ވެސް އިސްރާއީލްގެ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
އީރާނުން އިސްރާއީލަށް ދިން ހަމަލާތަކުގައި މިހާތަނަށް 16 މީހަކު މަރުވެފައިވާއިރު، 300 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
މި ހަނގުރާމައިގެ ސަބަބުން މުޅި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެފައިވާ ކަމަށް ބައިނަލްއަގްވާމީ މުޖުތަމަޢުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.




