ހުޅުމާލެއަށް މިރޭ ކުރި ވިއްސާރާގައި އާދަޔާ ޚިލާފު ބާރުމިނެއްގައި ވައިގަދަވެ، އެކި ވަރުގެ ގެއްލުންތައް ލިބިއްޖެއެވެ.
އިރުއޮއްސުނު ފަހުން ޖެހުނު ގަދަ ވައިގެ ސަބަބުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގަސްތަކުގެ ގޮފިތައް އިރައިގެންގޮސް މަގުމައްޗަށް ވެއްޓި، އާންމު ދަތުރުފަތުރަށް ބުރޫއަރާފައިވެއެވެ.
މި ހާދިސާގައި ނިރޮޅުމަގާއި ފިތުރޯނުމަގުގައި ހުރި ގަސްތަކެއް ވަނީ މަގުމައްޗަށް ވެއްޓިފައެވެ. ނަމަވެސް މި ދެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.
މީގެ އިތުރުން، ޖެހުނު ގަދަ ވައިގެ ސަބަބުން ހިޔާ ފްލެޓްގެ ބައެއް ގޭގެ ބެލްކަނިތަކުގައި ބަހައްޓާފައި ހުރި ގަސްމުށިތަކެއް މަގުމައްޗަށާއި ޖެހިގެން ހުރި ގޭގެ ބެލްކަނިތަކަށް ވެއްޓިފައިވާކަން ސޯޝަލް މީޑިއާގައި ޙިއްސާކުރެވިފައިވާ މަޢުލޫމާތުން އެނގެއެވެ.
މި ދުވަސްވަރަކީ މޫސުން ގޯސްވެ، ވައިގަދަވާ ދުވަސްވަރަކަށްވާތީ، މަގުމައްޗަށް ވެއްޓޭނެ ގޮތަށް ގޭގެ ބެލްކަނިތަކުގައި ގަސްމުށި ފަދަ ތަކެތި ނުބެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަވެ، ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.



