ޖީއެމްސީއީ ނުވަތަ ޖެމްކިއު ނަމުގައި ހިންގަމުންދާ އިންވެސްޓްމަންޓް ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންނާއި ސީއެމްޑީއޭ ގުޅިގެން މިރޭ ނެރުނު ބަޔާނެއްްގައި ބުނީ، މި ސްކީމަކީ ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހިންގާ އޮންލައިން ޕްލެޓްފޯމެއް ކަމަށެވެ.
އަދި އިންވެސްޓަރުންނަށް ޔޫއެސްޑީޓީ ނަމަކަށް ކިޔާ ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން އިންވެސްޓްކުރެވޭ މި ސްކީމްގައި، އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީގެ އެހީގައި ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާކަމަށް ދައްކުވައިދޭ ކަމަށާއި، އެންމެ ދަށް އިންވެސްޓްމަންޓްގެ 2.5 އިންސައްތައިގެ ފައިދާ ލިބޭކަމަށް ބުނެފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ސީއެމްޑީއޭގައި ރަޖިސްޓަރީ ނުކޮށް ހިންގާ ސްކީމެއްކަމަށް ފުލުހުން ފާހަގަކޮށްފައިވާއިރު، ބޭރު ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ އަލީގައި، މިއީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ކަށަވަރުކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުން، މިފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީވެސް ގާނޫނީ ގޮތުން ކުށެއްކަން ފުލުހުން ހަނދާންކޮށްދީފައިވެއެވެ.
އަދި މި މައްސަލަ ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަމާއެކު ތަހުގީގު ކުރަމުންދާ ކަމަށާއި، މި ސްކީމް ހިންގައި، ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ސީއެމްޑީއޭ އާއި ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ މިފަދަ ޕިރަމިޑް ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ އާ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އޮޅުވާލައިގެން ހިންގާ އިންވެސްޓްމަންޓް އެޕްލިކޭޝަންތަކުން ރައްކާތެރިވުމަށް ފުލުހުން އަންގާފައެވެ.


