މިއަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދިވެހި ޤައުމު އޮތީ ތާރީޚުގައިވެސް ދުވަހަކު ނުދެކޭފަދަ ދަރަނިވެރި ހާލަތެއްގައި ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށްދާ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުގައި ޤައުމު އޮތީ މިނިވަންކަމާއި ސިޔާދަތާމެދު ސުވާލު އުފެދޭ ހާލަތެއްގައި ކަމަށެވެ.
މިނިސްޓަރު ނާޒިމް ފާހަގަކުރެއްވި ގޮތުގައި، އެދުވަސްވަރު ދިވެހި ރައްޔިތުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެ، މާޔޫސްވެފައެވެ. އަދި ޤައުމުގައި ކޮންމެހެން ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން ރައްޔިތުން ވަނީ ގަބޫލުކޮށްފައެވެ.
”ކޮރަޕްޝަނާއި ފަސާދަ އޮތީ އިންތިހާއަށް އާންމުވެފައި. ވެރިކަމުގައި އެއްވެސްް އުރަތްޕެއް ނެތް. ފަންވަރެއް ނެތް.“ މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އޭރުގެ ވެރިކަން ކުރަމުންދިޔަ ޕާޓީގެ ތެރޭގައިވެސް ވަނީ ބޮޑެތި ރޫޅުންތަކެއް އައިސްފައެވެ. އަދި ޕާޓީގެ ތެރެއިން އޭރުގެ ވެރިކަމާމެދު ހިތްހަމަނުޖެހުންތައް ފާޅުކުރަމުން ދިޔަކަންވެސް ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ މިދެންނެވި ހުރިހާ ކަމެއްގެ އަގު އަދާކުރަން ޖެހުނީ ދިވެހި ރައްޔިތުންނަށް ކަމަށާއި، ހުރިހާ ބުރައެއް އުފުލަން ޖެހުނީވެސް ދިވެހި ރައްޔިތުންނަށް ކަމަށެވެ.
އަދި މިކަންކަމުން މިންޖުވުމަށް ރައްޔިތުން އެދުނު ދުވަހު، އެކަމަށް އިޚްތިޔާރުކުރެއްވީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.




