ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ހުރިހާ ރައްޔިތުން ވެސް ފޫގަޅައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ހޯރަފުށި ދާއިރާގެ މަޖްލިސް މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށްދާ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު އިސްމާއިލް ވިދާޅުވި ގޮތުގައި މި އިންތިހާބަކީ ސަރުކާރަށާއި، ޕީއެންސީއަށް ވަރަށް މުހިންމު އިންތިޚާބެކެވެ.
އަދި މި އިންތިޚާބު ކާމިޔާބު ކުރަން ޖެހެނީ ދިވެހި ޤައުމުގެ ޙައްޤުގައި ކަމަށާއި ރައްޔިތުން ނިކުމެ މަސައްކަތް ކޮށްގެން މެނުވީ ޤައުމު ސަލާމަތް ނުކުރެވޭނެ ކަމަށް މެމްބަރު އިސްމާއިލް ވިދާޅުވިއެވެ.
”ރައީސް މުޢިއްޒު، މި ސަރުކާރަށް އަދި ތިބޭފުޅުންގެ މުސްތަޤުބަލަށް ކޮށްދެވޭނެ އެންމެ ބޮޑު ކަންތައް މިއީ،“ މެމްބަރު އިސްމާއިލް ވިދާޅުވިއެވެ.
މެމަބަރު އިސްމާއިލް އިތުރަށް ވިދާޅުވީ ސަރުކާރާ މެދު ރައްޔިތުން މާޔޫސްވާން ނުޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ އުމުރުން އަހަރެއްހާ ދުވަސް ވެފައިވާއިރު، އަދިވެސް ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މެމްބަރު އިސްމާއިލް ވިދާޅުވީ ރައީސް މުޢިއްޒުގެ އެންމެ ގާތުގައި މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން، ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ވެފައިވާ ހުރިހާ ވަޢުދެއް ރާއްޖޭގެ ރައްޔިތުންނަށް ފުއްދައިދެއްވާނެ ކަމަށެވެ.
އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން މެމްބަރު އިސްމާއިލް ދެއްވިއެވެ.




