ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ރަނގަޅު ކުރަންޖެހިފައި މިއޮތީ ކުރީ ސަރުކާރުތަކުން ހޭވި ހަޑިތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ވިދާޅުވެއްޖެ އެވެ.
މިރޭ ކޮންގުރެސް ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު މުފީދު ވިދާޅުވީ، ދިވެހިރާއްޖޭގެ އެންމެ ބޮޑު ހިކުމަތަކީ ޕްރޮޖެކްޓްތައް ނުހުއްޓި ތަރުތީބުވެފައިވާ ނިޒާމަކުން ކުރިއަށް ގެންދިއުން ކަމަށެވެ.
”މިއީ މިއަދު އަޅުގަނޑުމެންނަށް ލިބިފައިވާ ވަރަށްބޮޑު ނިއުމަތެއް، އެއީ ހަމަ ގައިމުވެސް ކުކުޅެއްގެ ކައިރިޔައް ހަނޑޫ މުށެއް އަޅާލީމާ ކުކުޅުތައް ހަދާނެ ގޮތަކީ، އެއީ ބާސްމަތީ ހަނޑު މުށެއްވިޔަސް ހާވާލާނީ. އެޔައް މިކިޔަނީ އުދަބާނީ ޖަހާލުން، އެހެން ހަދާފަ އޮތް މާޒީވެ ދިޔަ އަޅުގަނޑުމެންގެ ވެރިކަންތަކުގައިވާ ހާވާފައި އޮތް ހޭވުންތަކެއް މިއަދު އިސްލާހު ކުރަންޖެހިފައި މިއޮތީ.“ މެންބަރު މުފީދު ވިދާޅުވި އެވެ.
މި ސަރުކާރުގެ އިގްތިސާދު މެނޭޖު ކުރަން އިނގޭކަން ދޭހަވާ އެއްކަމަކީ މި ދައުލަތަށް ވާރުތަވި ބޮޑު ދަރަންޏެއްގެ ތެރެއިން، ލޯނު ދައްކަމުން އަލަށް ޕްރޮޖެކްޓްތައް ޕްލޭން ކުރަމުން ހިންގަމުން ނިންމަމުން ގެންދިއުން ކަމަށް މުފީދު ފާހަގަކުރެއްވިއެވެ.
އަދި ބައެއް ފަހަރަށް ވެރިކަމުގެ އުންމީދު ކުރާބޭފުޅުން ނުވަތަ އެ މަގާމަށް ވާސިލުވުމަށްޓަކައި އުންމީދު ކުރުމަކީ ގޯހެއް ނޫން ކަމަށާއި، އެހެން ނަމަވެސް ގޯހަކީ ރާއްޖޭގެ ފަހުރުވެރި ދިވެހީންގެ ކުރިމަގަށް ހުރަސްއެޅުން ކަމަށް މެންބަރު މުފީދު ވިދާޅުވިއެވެ.
މެންބަރު މުފީދު ވާހަކަފުޅު ނިންމަވާލެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މި ގައުމު ތަރައްގީކޮށް، އާރާސްތުކޮށް ދިވެހިން އެދޭ ތަރައްގީއާއި ހިސާބަށް ވާސިލުވާނެކަން ޔަގީން ކަމަށް ވިދާޅުވަމުންނެވެ.




